ކީވް (10 އޮކްޓޯބަރު) - ރަޝިއާއިން މިއަދުގެ ވަގުތެއްގައި ޔޫކްރެއިންއަށް ދިން ހަމަލާތަކުގައި އީރާނުގެ ޑްރޯންތައް ބޭނުން ކޮށްފައިވާ ކަމަށް ޔޫކްރެއިނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.

ޒެލެންސްކީ ވިދާޅުވީ ރަޝިއާއިން ޔޫކްރެއިންގެ ހަކަތަ އުފައްދާ ބައެއް އިމާރާތްތަކަށް ހަމަލާ ދީފައިވާ ކަމަށާއި އޭގެ ތެރެއިން ބައެއް ހަމަލާތަކަކީ އީރާނުގެ ޑްރޯން ބޭނުންކޮށްގެން ދިން ހަމަލާތަކެއް ކަމަށެވެ.

"މިއަަދަކީ އުނދަގޫ ދުވަހެއް. އަޅުގަނޑުމެން ކުރިމަތިލާން ޖެހިފައިވަނީ ޓެރަރިސްޓުންނާ. އެ މީހުންގެ ދެވަނަ އަމާޒަކީ ރައްޔިތުން،" ސޯޝަލް މީޑިއާއަށް ދޫކޮށްލި ވީޑިއޯއެއްގައި ޒެލެންސްކީ ވިދާޅުވި އެވެ.

މިއަދު ހެނދުނުން ފެށިގެން ޔޫކްރެއިންގެ އެކި ހިސާބުތަކަށް ރަޝިއާއިން މިސައިލް ހަމަލާތައް ދެމުންދާއިރު، މި ހަމަލާތަކުގައި އެ ގައުމުގެ ހަކަތަ އުފައްދާ ބައެއް އިމާރާތްތަކަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ.

މި ހަމަލާތަކުގެ ތެރެއިން ވެރިރަށް ކީވްއަށާއި ލިވީވްއަށް ވެސް ބައެއް ހަމަލާތައް އަމާޒުވެފައިވެ އެވެ.

ޒެލެންސްކީ ވިދާޅުވީ މި ހަމަލާތަކާއެކު ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށާއި ޚިދުމަތް އަލުން އާއްމު ހާލަތަށް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޔޫކްރެއިން ހަނގުރާމައިގައި އީރާނުން ރަޝިއާއަށް ވާގިވެރިވާ ކަމަށް އަޑުތައް އެރި ނަމަވެސް އީރާނުން ވަނީ އެކަން ދޮގު ކޮށްފަ އެވެ. -- އަލް އަރަބިއްޔާ