ބޮލީވުޑްގެ ކުރީގެ މަޝްހޫރު ތަރި ޝްރީ ދޭވީ އާއި އޭނާގެ ފިރިމީހާ ބޯނީ ކަޕޫރުގެ ލޯބީގެ ވާހަކައަކީ ބޮލީވުޑްގައި އެންމެ ގަދައަށް ދެކެވުނު ވާހަކަތަކުގެ ތެރެއިން އެއް ވާހަކަ އެވެ.

ދެތަރިން ލޯބީގެ ގޮތުން ގުޅި ކައިވެނި ކުރުމުގެ ކުރިން ޝްރީދޭވީ އަކީ އެތައް ބަޔަކު އެމީހަކާއި ކައިވެނިވުމަށް އެދެމުންދިޔަ ތަރިއެކެވެ. އެހެންނަމަވެސް އެތައް ފިރިހެނުންނެއްގެ ހިތް ކުދިކުދި ކޮށްލައި އިންޑިއާގެ ފިލްމު ޕްރޮޑިއުސަރު ބޯނީ ކަޕޫރުއާ ޝްރީދޭވީ ކައިވެނި ކުރި ވާހަކައަކީވެސް އަޑުއަހައި، ފޫހި ނުވާނެ ވާހަކައެކެވެ.

އެގޮތުން ބޯނީ ކަޕޫރާއި ޝްރީދޭވީ ލޯބީގެ ގޮތުން ގުޅިގެން އެންމެ ފުރަތަމަ އުޅުނީ ސިއްރުންނެވެ. އޭރު ބޯނީ އަކީ، އޭނާގެ އަލަތު އަންހެނުން މޯނާ ޝައުރީގެ ފިރިމީހާ އެވެ. ކައިވެނި ވެފައިވާ މީހަކާއި ގުޅުމުގެ ސަބަބުން ޝްރީދޭވީއަށް ވަރަށް ގިނަ ބަޔަކު ފާޑުކިޔާފައިވެ އެވެ. އަދި އޭނާއަކީ މީހެއްގެ ޒަވާޖީ ހަޔާތް ހަލާކުކޮށްލި މީހެއްގެ ގޮތުގައި އޭނާގެ ނަމުގައި ލޭބަލް އެޅުވުނެވެ.

އެންމެ ފުރަތަމަ ބޯނީ އާއި ޝްރީދޭވީ ދިމާވީވެސް މޯނާގެ ފަރާތުން ކަމަށް ހަބަރު ލިބެ އެވެ. އެގޮތުން މެހެމާނެއްގެ ގޮތުގައި ހުރުމަށްޓަކައި ޝްރީދޭވީ، މޯނީ އާއި ބޯނީގެ ގޭގައި ހުރިކަމަށްވެ އެވެ. އަދި އޭރު ޝްރީދޭވީ ބޯނީއާ މެދުގައި ދެކެމުންދިޔައީ އެއްބަންޑު އެއްބަފާ ބޭބެއެއްގެ ގޮތުގައިކަންވެސް އިންޑިއާގެ ބައެއް ރިޕޯޓުތަކުން ހާމަކޮށްފައިވެ އެވެ.

އެހެންނަމަވެސް ކަންތައްތައް މަޑުމަޑުން ބަދަލުވެ، ޝްރީދޭވީ، ބޯނީގެ ދަރިއަކަށް ބަލިވެއިންކަން އޭގެ ދުވަސްތަކެއް ފަހުން ހާމަވި އެވެ. އަދި މިކަން މޯނާއަށް އެނގުމުން މޯނާއަށް ވަރަށް އަސަރު ކުރިކަމަށް އެނގިފައިވެ އެވެ.

ޝްރީދޭވީ ބަލިވެއިން ހަބަރު އާންމުންގެ މެދުގައި ފެތުރެން ގިނަ ވަގުތެއް ނުނަގަ އެވެ. އެއާ ގުޅިގެން އެދެމީހުން ވަނީ 1996 ވަނަ އަހަރުގެ ޖޫން މަހު ކައިވެނިކޮށްފަ އެވެ. ހަމައެހެންމެ ކައިވެންޏަށް ފަހު ޝްރީދޭވީ ވަނީ ބޯނީއާ މޯނާ، އަދި އެދެމީހުނަށް ލިބިފައިވާ ދަރިންގެ ގުޅުން އެއްކޮށް ކަނޑައިލުމަށް ބުނެފަ އެވެ. އެއަށްފަހު ޝްރީދޭވީއާއި ބޯނީއަށް ދެ އަންހެން ކުދިން ލިބިފައިވެ އެވެ.

އެދެމީހުންގެ ކައިވެންޏަށް 22 އަަހަރު ފުރުނު ފަހުން ކުއްލި ގޮތަކަށް ޝްރީދޭވީ މަރުވި ހަބަރު މުޅި ނޫސްތަކުގައި ފެތުރި، ބޯނީއަށް ގިނަ ބަޔަކު ހަމްދަރުދީ ފޮނުވަމުންދިޔަ އެވެ. އެހެންނަމަވެސް ޝްރީދޭވީގެ މަރާއި ގުޅިގެން ބޯނީ ދައްކަމުންދިޔަ ވާހަކަތަކުން އާންމުން ޝައްކު ކުރީ އަނެއްކާވެސް ބޯނީއަށެވެ. ދުބައިގެ ހޮޓެލެއްގައި ޝްރީދޭވީ މަރުވެފައި އޮއްވައި ފެނިފައިވާއިރު، ބޯނީ އެވަގުތު ހުރީ އިންޑިއާގެ މުމްބައީގައި ކަމަށް ބުނެފައިވެ އެވެ. އެހެންނަމަވެސް ޝްރީދޭވީ މަރުވެފައި އޮއްވައި އެންމެ ފުރަަތަމަ ފެނުނީވެސް ބޯނީއަށް ކަމަށް ބުނެފައިވެ އެވެ.

ޝްރީދޭވީގެ މަރުގެ ހާދިސާ މިއަދާއި ހަމައަށްވެސް އޮތީ ސިއްރެއްގެ ގޮތުގަ އެވެ. ގިނަ ބަޔަކު ތުހުމަތުކުރަނީ ބަޔަކު ނުވަތަ ބޯނީ ޝްރީދޭވީ މަރާލިކަމަށެވެ.

ޝްރީދޭވީ އަކީ ހިންދީ ފިލްމު އިންޑަސްޓްރީއަށް ކާމިޔާބު ފިލްމުތަކެއް ބޭލުންތެރިންނާއި ހަމައަށް ފޯރުކޮށްދިން ތަރިއެކެވެ. ޝްރީދޭވީ ވަނީ އޭނާގެ ހުނަރާއި ރީތިކަމުން ގިނަ ބައެއްގެ ލޯބި ހޯދާފަ އެވެ.