ބޮލީވުޑްގެ މަޝްހޫރު ތަރި އުރްވަޝީ ރައުތެލާއަށް އާންމުން ހަނގާކުރާކަމަށް އޭނާ ތުހުމަތުކޮށްފި އެވެ.

އޭނާ މިހެން ބުނެފައި ވަނީ، އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިއެއް ކަމަށްވާ ރިޝަބް ޕަންތްއަށް އުރްވަޝީ ފާރަލާ ކަމަށް އާންމުންގެ ބަޔަކު ސޯޝަލް މީޑިއާގައި، އުރްވަޝީއަށް ތުހުމަތު ކުރުމާ ގުޅިގެންނެވެ.

އުރްވަޝީ އާއި ރިޝަބްއަކީ މީގެ އަހަރުތަކެއް ކުރިން 2018 ވަނަ އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދެ މީހުން ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް ދެމީހުން ވެސް އެކަން އާންމުންނަށް ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

އޮސްޓްރޭލިއާގައި ބާއްވާ ޓީ20 ކަޕްގައި ކުޅުމަށްޓަކައި ރިޝަބް އޮސްޓްރޭލިއާއަށް ގޮސްފައިވާއިރު، އެ މެޗު ބޭއްވުމަށް ހަމަޖެހުނުތާ އެއް ހަފްތާ ކުރިން އުރްވަޝީ ވަނީ އޮސްޓްރޭލިއާއަށް ގޮސްފަ އެވެ. މިކަމާ ގުޅިގެން އާންމުން ވަނީ އުރްވަޝީ، ރިޝަބްއަށް ފާރަލަނީކަމަށް ބުނެ ތުހުމަތުކޮށްފަ އެވެ.

އެހެންނަމަވެސް އާންމުން ކުރާ ތުހުމަތުތަށް ދޮގުކޮށް އުރްވަޝީ ވަނީ، އޭނާއަށް ސޯޝަލް މީޑިއާގައި އާންމުން ހަނގާކުރާ ކަމަށް ބުނެފަ އެވެ. ރިޝަބްއަށް ފާރަލުމަށް އޭނާ ދުވަހަކު ވެސް ވިސްނާފައި ނުވާކަން ފާހަގަކޮށް އުރްވަޝީ ބުނީ، އޭނާއާ މެދުގައި އެއްވެސް މީހަކު ނުވިސްނާ ކަމަށެވެ. އަދި އޭނާއަށް އެހީތެރިވާނެ މީހަކު ނެތް ކަމަށާއި، އޭނާ ހިތްވަރުދީ ތަރުހީބު ދޭނެ މީހަކު ވެސް ނެތް ކަމަށް އުރްވަޝީ ބުނެފައިވެ އެވެ.

އުރްވަޝީ އެހެން ބުނުމާއެކު، ފޭނުން ވަނީ އޭނާ ދިފާއުކޮށް ވާހަކަދައްކާފަ އެވެ. އަދި ހިތްވަރު އެލުވާނުލުމަށާއި، ކެތްތެރިވުމަށް ފޭނުން ނަސޭހަތްތެރިވެފައިވެ އެވެ.