ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެ ތިން މީހަކު ފިހިއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ ރޯވެފައިވަނީ މ. ކޮޅުފުށީ "ވިލާ ވާލި 13" ނަމަކަށް ކިޔާ ދޯނިގަ އެވެ. މި ހާދިސާގައި ތިން މީހަކު ފިހިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެ ހާދިސާގައި ފިހުނު ތިން މީހުނަށް ފަރުވާ ދިނުމަށް މ. މުލީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިން އަންނަނީ ކުރަމުންނެވެ.

އެމްއެންޑީއެފް އިން ބުނީ އެ ހާދިސާ ހިނގީ ދޯނީގައި ހުރި ޕެޓްރޯލް ހަމެއްގައި ރޯވެގެން ކަމަށެވެ. އަދި އެ ހާދިސާ ހިނގިއިރު ދޯނި އޮތީ މ. ކޮޅުފުއްޓާ 26 މޭލު ބޭރުގަ އެވެ.

މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު ނުވައެއް ޖަހާކަންހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.