އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ މަގާމާ ހަވާލުވިތާ 45 ދުވަސް ފަހުން، މަގާމުގެ މަަސްއޫލިއްޔަތުގެ އަދާކުރުމުގެ ފުރުސަތު ފުރުސަތު ނެތް ކަމަށް ވިދާޅުވެ، ލިޒް ޓްރަސް އިސްތިއުފާ ދެއްވަން މިއަދު ނިންމަވައިފި އެވެ.
އިނގިރޭސިވިލާތުގެ ތާރީހުގައި އެންމެ ކުރު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރެއްވި ލިޒް އިސްތިއުފާ ދެއްވީ އިގްތިސާދު ފުން ވަޅުގަނޑަކަށް ވެއްޓިފައިވަނިކޮށް ޓެކްސްތައް ކުޑަކުރަން ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅުއްވި ސްޕްލިމެންޓްރީ ބަޖެޓާ ހެދި އިދިކޮޅު ލޭބާ ޕާޓީގެ އިތުރުން އަމިއްލަ ޕާޓީގެ މެމްބަރުންގެ ވެސް ފާޑުކިޔަން ފެށުމުންނެވެ.
އިސްތިއުފާ ދެއްވާކަން އިއުލާންކުރުމަށް ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ކުރިމަތީގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވާނެކަން ރަސްގެފާނު ޗާލްސް ތިންވަނަ އަށް ދަންނަވާފައިވާނެ ކަމަށެވެ. އަދި ކުރިޔަށް އޮތް ހަފުތާއެއްގެ ތެރޭގައި އާ ބޮޑުވަޒީރަކު ހަމަޖެއްސުމަށް ޕާޓީގައި ދަންނަވާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިދިޔަ ސެޕްޓެމްބަރު ހަވަނަ ދުވަހު މަގާމާ ހަވާލުވެވަޑައިގެންނެވި ލިޒް ވިދާޅުވީ އޭނާ މަގާމާ ހަވާލުވި ވަގުތަކީ އެ ގައުމާއި މުޅި ދުނިޔެ ވެސް އިގްތިސޯދީ ފުން ވަޅުގަނޑަކަށް ވެއްޓިފައިވާ ވަގުތެއް ކަމަށެވެ.
"ހަކަތައިގެ ބިލާއި ގައުމީ އިންޝުއަރެންސް ކަނޑާލުމަށް ނިންމިން،" އެކަމަނާ ވިދާޅުވި އެވެ. "ބްރެކްސިޓްގެ މިނިވަންކަމުގެ ބޭނުން ހިފަން މަދުން ޓެކްސް ނަގައި ހައި ގްރޯތު އިކޮނޮމީއެއް އުފެއްދުމުގެ ވިސްނުމެއް އަޅުގަނޑުމެން ކަނޑައެޅީ."
އެކަމަކު "ހާލަތަށް ބަލާއިރު، އަޅުގަނޑު އިންތިހާބުކުރި ދައުރު އަޅުގަނޑަކަށް އަދައެއް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
ބޮޑު ވަޒީރުކަމުން އިސްތިއުފާ ދެއްވުމަށް ނިންމިކަން އިއުލާންކުރައްވަމުން ވިދާޅުވީ އާ ބޮޑުވަޒީރަކު އައްޔަންކުރަންދެން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ދެމި ހުންނަވާނެ ކަމަށެވެ.
ލިޒް އެ މަގާމަށް އައްޔަންކުރީ ބޮޑުވަޒީރުކަމުގައި ހުންނެވި ބޮރިސް ޖޯންސަން މިދިޔަ ޖުލައި މަހުގެ ކުރީކޮޅު އިސްތިއުފާ ދެއްވުމުންނެވެ. އަދި އަލުން އޭނާ އެ މަގާމަށް ގެނައުމަށް ވެސް ކޮންޒަވެޓިވް ޕާޓީގެ ބައެއް މެމްބަރުން ދަނީ އެދެމުންނެވެ.
ލިޒް ޓްރަސް އަކީ އިނގިރޭސިވިލާތުގެ ފުރަތަމަ ބޮޑުވަޒީރު ވިންސްޓަން ޗާޗިލް ފިޔަވައި ރަސްކަމުގެ ދެ ދައުރު ފެނިވަޑައިގެންނެވި ފުރަތަމަ ބޭފުޅާ އެވެ.
މިއީ މިދިޔަ ތިން އަހަރެއްހާ ދުވަހުގެ އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވި ހަތަރު ވަނަ ބޭފުޅާ އެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވުމުން އިދިކޮޅު ލޭބާ ޕާޓީގެ ލީޑަރު ކީތް ސްޓާމާ ވަނީ ގާނޫނު ހަދާ މަޖިލިސް އުވާލައި އާ އިންތިހާބެއް ބޭއްވުމަށް ގޮވާލައިފަ އެވެ.