ޖައްވަށް ދޫކުރެވޭ ވިހަގޭސް ނުވަތަ ގްރީން ހައުސް ގޭސް ބޭރުކުރުމުގައި، ދުނިޔޭގެ ނިސްބަތުން ރާއްޖެއަކީ އެންމެ ހިއްސާކުޑަ އެއް ގައުމުކަމުގައި ވިޔަސް، ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ނޭދެވޭ އަސަރުކުރާ ގައުމު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ "ކްލައިމެޓް އެމްބިޝަން ސަމިޓް" ގައި، މޫސުމަށްއަންނަ ބަދަލުތަކުން ރައްކާތެރިވުމުގެ ގޮތުން ދިވެހިރާއްޖޭގެ ފަރާތުން އަޅާނެ ފިޔަވަޅުތަކާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ގްރީން ހައުސް ގޭސް ބޭރުކުރުމުގައި، ދުނިޔޭގެ ނިސްބަތުން ރާއްޖޭގެ ހިއްސާ ކުޑަނަމަވެސް، ރާއްޖެއިން މިކަމުގައި ފަސް ނުޖެހޭނެ ކަމަށާއި، ކުދި ޖަޒީރާ ޤައުމެއްގެ ގޮތުން ދައްކަމުން އަންނަ ނަމޫނާ އެންމެ ކުރީސަފުގައި އަބަދުވެސް ދައްކަމުންދާނެ ކަމަށް ކަމަށެވެ. އެގޮތުން، ރާއްޖެއަށް ލިބެމުންދާ އެހީތައް މިގޮތުގައި ލިބެމުންދާނަމަ، ރާއްޖެއިން ކުރިން ކަނޑައަޅާފައިވާ ޖައްވަށް ދޫކުރެވޭ ވިހަގޭސް މަދުކުރުމުގެ ލަނޑުދަނޑި ނުވަތަ ނޭޝަނަލް އެމިޝަން ރިޑަކްޝަން ޓާގެޓްގެ މިންވަރު، 2030 ގެ ނިޔަލަށް 26 އިންސައްތައަށް އިތުރު ކުރާނެކަމަށް ރައީސް ވިދާޅުވި އެވެ.

މިފަދަ ބަދަލުތައް ގެނައުމަށް އިޖްތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުންނާއި އަދި ތިމާވެށީގެގޮތުން ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭނެކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުން ދެއްވާނެކަމަށް ވައުދުވި އެހީ ލަހެއްނެތި ފޯރުކޮށްދިނުމަށް ވެސް އެ ގައުމުތަކަށް އެމަނިކުފާނު ގޮވާލެއްވި އެވެ. އަދި މިފަދަ އެހީތައް ރާއްޖެއަށް ލިބިއްޖެނަމަ، 2030 ގެ ނިޔަލަށް ރާއްޖެއަކީ ކާބަން ނެޓްޒީރޯ ގައުމަކަށް ހެދުމުގެ އަމާޒުވެސް އެބައޮތްކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ރާއްޖޭގެ އެންޑީސީ ތައްޔާރުކުރުމުގައި އެންވަޔަރަންމަންޓް މިނިސްޓްރީން ވަނީ ވަރަށް ފުޅާ ދާއިރާއެއްގައި ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކާ މަޝްވަރާކޮށްފަ އެވެ. އަދި ނޭޝަނަލް އެމިޝަން ރިޑަކްޝަން ޓާގެޓް ކަނޑައެޅުމުގައި އިއާދަ ކުރަނިވި ހަކަތައިގެ ދާއިރާގައި ހިނގަމުންދާ އަދި ކުރިމަގުގައި ހިންގަން ރޭވިފައިވާ މަޝްރޫއުތަކުގެ މައުލޫމާތު ވެސް ހިމަނައި އަދި ރާއްޖެއަށް ގެނެވިދާނެ ފަދަ ޓެކްނޮލޮޖީތަކާއި ބެހޭގޮތުން ހެދިފައިވާ ދިރާސާތައް ވެސް ވަނީ މުރާޖައާކުރެވިފަ އެވެ.

ރާއްޖޭގެ މި އެމިޝަން ރިޑަކްޝަން ޓާގެޓް ކަނޑައެޅިފައިވަނީ މިފަދަ އެސަސްމެންޓްތައް ހެދުމަށް އެހެން ގައުމުތަކުގައި ވެސް ބޭނުން ކުރާ އެމިޝަން ރިޑަކްޝަން އެސަސްމަންޓް މޮޑެލްއެއް ކަމަށްވާ ލީޕް (ލޯ އެމިޝަން އެނަލިސިސް ޕްލެޓްފޯމް) މެދުވެރިކޮށް ކުރެވުނު ދިރާސާތަކުގެ އަލީގަ އެވެ.

ކްލައިމެޓް އެމްބިޝަން ސަމިޓަކީ 2015 ގައި އެއްބަސްވެވުނު ޕެރިސް އެގްރީމެންޓަށް ފަސް އަހަރުވުން ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ބައްދަލުވުމެކެވެ. މިސަމިޓުގެ މައިގަނޑު މަގުސަދަކީ ކްލައިމެޓް އެމްބިޝަން އިތުރުކުރުމާއެކު ޕެރިސް އެގްރީމެންޓް ތަންފީޒު ކުރުމުގެ ގޮތުން އެކި ގައުމުތަކުން ކުރާނެ ކަންތައްތަކާއި މެދު މަޝްވަރާކުރުމެވެ.

މި ސަމިޓުގައި ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ. ޕެރިސް އެގްރީމަންޓްގެ ދަށުން ކޮންމެ ގައުމަކުން ވެސް، މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށްޓަކައި ކުރުމަށް ގަސްދުކުރާ ކަންތައްތައް ހިމެނޭ ގޮތުގެ މަގު ޗާޓެއް ނުވަތަ ނޭޝަނަލީ ޑިޓާމައިންޑް ކޮންޓްރިބިއުޝަން (އެންޑީސީ) ވަނީ 2015 ގައި ހުށަހަޅާފަ އެވެ.

އެންޑީސީގެ މައިގަނޑު ބޭނުމަކީ، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް އެދެވޭ ޙައްލެއް ހޯދުމަށްޓަކައި ހުރިހާ ގައުމުތަކުން ވެސް ގުޅިގެން މަސައްކަތްކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރަގަޅު އަސަރުތަކުން ދުނިޔެ ސަލާމަތްކުރުމަށްޓަކައި ދުނިޔޭގެ ފިނިހޫނުމިން ދެ ޑިގްރީސެލްސިއަސް އަށް ވުރެދަށުގައި ބަހައްޓައި އަދި 1.5 ޑިގްރީއަށް ގެންދެވޭތޯ ގަދައަޅައި މަސައްކަތްކުރުމެވެ. ޕެރިސް އެގްރީމަންޓްގައި އެއްބަސްވެވިފައިވަނީ ކޮންމެ ފަސް އަހަރުން އެންޑީސީތައް މުރާޖަޢާކޮށް ހުށަހަޅަމުން ގެންދިއުމަށެވެ. އެގޮތުން މިއަހަރުގެ ނިޔަލަށް ވަރަށް ގިނަ ގައުމުތަކުން އެންޑީސީތައް ހުށަހަޅާނެ އެވެ.