ލޮއިސްވިލް (12 ޑިސެމްބަރު) - އެމެރިކާގެ ކެންޓަކީ ޒުލެއްގައި އޮތް ސްނޯ ލެޕާޑެއް (މިނިކާވަގު) ވެސް ކޮވިޑަށް ޕޮޒިޓިވްވެއްޖެ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ނޭޝަނަލް ވެޓިނަރީ ސާވިސް އިން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ މި ޒުލުގައި ހިމެނޭ އިތުރު ދެ ލެޕާޑް ވެސް ޓެސްޓްކުރަމުންދާ ކަމަށެވެ. މި ލެޕާޑްތަކަށް ބަލިޖެހިފައި ހުރިތޯ ތެސްޓް ކުރީ ނޭވާލުމުގައި މައްސަލަތަކެއް ހުރިކަމަށް ޝައްކުކުރެވެ އަލާމާތްތަކެއް ފެންނަން ފެށުމުންނެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ބަލީގެ އަލާމާތް ވަރަށް ކުޑަކޮށް ފެންނަ ކަމަށާއި ހާލަތު ގޯސްވޭތޯ ބަލަމުން އަންނަ ކަމަށެވެ. އަދި ޒުލުގައި އުޅޭ އެހެން އެއްވެސް ޖަނަވާރެއްގެ ގައިން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށާއި ޖަނަވާރުންގެ ކިބައިން އިންސާނުންނަށް ބަލި ފެތުރުމުގައި އޮތީ ވަރަށް ކުޑަ ޗާންސެއް ކަމާއި، އެހެންކަމުން ޒޫ އަދިވެސް ހުޅުވިފައި ހުންނާނެ ކަމަށް ބުނެފައިވެ އެވެ.
އޮފިޝަލުން ބުނި ގޮތުގައި ލެޕާޑްތަކަށް ބަލި ޖެހުނުކަމަށް ބޮޑަށް ބެލެވެނީ އެ ގެންގުޅޭ މީހުންގެ ތެރެއިން މީހެއްގެ ފަރާތުންނެވެ. –- ޕޮލިޓިކޯ