ވަގު ޕާސްޕޯޓް ހަދައި ރާއްޖެ އެތެރެވުމަށް މަސައްކަތް ކުރި 257 މީހުން އަނބުރާ ފޮނުވާލައިފި އެވެ.

މޯލްޑިވްސް އިމިގުރޭޝަންގެ ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރު އަދި ހެޑް އޮފް އިންޓެލިޖެންސް އެންޑް ލީގަލް އެފެއާޒް މުހައްމަދު ޝިފާން "ޕީއެސްއެމް" އަށް ދިން އިންޓަވިއުއެއްގައި ވަނީ 2019 ވަނަ އަހަރުން ފެށިގެން އިންޓަޕޯލް ޑޭޓާ ބޭސް އާއި ޑޭޓާ ބޭސް އިންޓަގްރޭޓް ކޮށްފައިވާކަން ފާހަގަކޮށްފަ އެވެ.

އެގޮތުން ގެއްލިފައިވާ އަދި ވަގަށް ނަގާފައިވާ ޕާސްޕޯޓުތަކުގެ އިތުރުން އިންޓަޕޯލް އެކި ނޯޓިސްތަކުގައި ހުންނަ މުހިންމު މައުލޫމާތުތައް އިމިގްރޭޝަންގެ ސިސްޓަމްގެ ތެރެއިން ހާމަވެގެން ދިއުމަކީ ލިބިގެން ދިޔަ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ޝިފާން ވިދާޅުވެފައިވެ އެވެ.

ހަމައެހެންމެ 2019 ވަނަ އަހަރުން ފެށިގެން ސައްހަ ނޫން ޕާސްޕޯޓުގައި ރާއްޖެއަށް 257 މީހަކު އެތެރެވުމަށް މަސައްކަތް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެމީހުން ބޯޑަރުން ހުއްޓުވައި، އަނބުރާ ފޮނުވާލާފައިވާކަމަށް ޝިފާން ވިދާޅުވެފައިވެ އެވެ.

''2019 އިން ފެށިގެން މިހާ ހިސާބަށް 257 ފަރާތެއް ދެނެގަނެވިއްޖެ،'' ޝިފާން ވިދާޅުވެފައިވެ އެވެ.