ޗާގޮސްގެ މައްސަލާގައި ސަރުކާރުގެ ސްޓޭންޑް މިހާރު ބަދަލުވެފައި އޮތީ އިދިކޮޅު ޕީޕީއެމުން ބޭނުންވި ގޮތަށް ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ޗާގޮސް މައްސަލައިގައި ގިނަ ބަޔަކު ރައްޔިތުންނަށް އޮޅުވާލަމުން އަންނަ ކަމަށެވެ.

މިއުވާން މިފަދައިން ވިދާޅުވީ ޗާގޮސް މައްސަލައިގައި ޕީޕީއެމުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާ ކަންކަމަށް ރައްދު ދިނުމުގެ ގޮތުންނެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު މޮރިޝަސްއާ ދެކޮޅަށް ރާއްޖޭން ވޯޓު ދީފައިވާއިރު، 2019 ވަނަ އަހަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް ވޯޓު ދިނީ މޮރިޝަސްއާ ދެކޮޅަށެވެ. އެކަމާ ގުޅިގެން ތަރުޖަމާނު ވަނީ ޕީޕީއެމަށާއި ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

މި ސަރުކާރުން 2019 ވަނަ އަހަރު ދިން ވޯޓާ ގުޅިގެން ޕީޕީއެމުން ނެރުނު ބަޔާނުގައި އދ. ގައި ނެގި އެ ވޯޓުގައި ރާއްޖެ ހިމެނުމަކީ ދުނިޔޭގެ ތަރައްގީ އާއި ތަމައްދުންގެ ވިސްނުންތަކާ ރާއްޖެ ދުރުވެފައިވާ މިންވަރު ދައްކުވައިދޭ ކަމެއްގެ ގޮތުގައި ޕީޕީއެމް އިން ސިފަކުރި ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.

މިހާރު އަޅުގަނޑުމެން މި ސްޓޭންޑް ބަދަލުކުރާ ވާހަކަ ދެއްކެވީމަ، އެ ބޭފުޅުން ވިދާޅުވާ ދުނިޔޭގެ ތަރައްގީ އާއި ތަމައްދުންގެ ވިސްނުންތަކާ ރާއްޖެ ކައިރިއެއްނޫންތޯ މިވީ؟ ދެން ކޮން ވާހަކައެއްތޯ މިހާރު އެ ދައްކަވަނީ؟ ހަމަ އެ ބޭފުޅުން ބޭނުންވި ގޮތަށް ދެއްތޯ ކަންތައް މިވީ،
މިއުވާން

"މިހާރު އަޅުގަނޑުމެން މި ސްޓޭންޑް ބަދަލުކުރާ ވާހަކަ ދެއްކެވީމަ، އެ ބޭފުޅުން ވިދާޅުވާ ދުނިޔޭގެ ތަރައްގީ އާއި ތަމައްދުންގެ ވިސްނުންތަކާ ރާއްޖެ ކައިރިއެއްނޫންތޯ މިވީ؟ ދެން ކޮން ވާހަކައެއްތޯ މިހާރު އެ ދައްކަވަނީ؟ ހަމަ އެ ބޭފުޅުން ބޭނުންވި ގޮތަށް ދެއްތޯ ކަންތައް މިވީ،" މިއުވާން ވިދާޅުވި އެވެ.

"[ރައީސް ޔާމީން] ހާއްސަ ގޮތެއްގައި ސަރުކާރަށް ފާޑުވިދާޅުވެ، ވިދާޅުވާ ކޮންމެ އެއްޗެއްގައި އަބަދުވެސް ކޮންމެސް ޑީލެއްގެ ވާހަކަ، ކޮންމެވެސް ފައިސާތަކެއްގެ ވާހަކަ. ފައިސާއާ ނުލައި، އެއްވެސް ވާހަކައެއް ނުދެއްކެވޭ. އެއްވެސް ކަމެއްގެ ހެއްކެއް ނުދެއްކެވޭ."

މިއުވާން ވިދާޅުވީ 2017 ވަނަ އަހަރު ޔާމީންގެ ސަރުކާރުން މޮރިޝަސްއާ ދެކޮޅަށް ވޯޓުދީފައިވާއިރު، އެކަމުގެ އެކްސްޕްލެނޭޝަނެއް ނުދެއްކޭ ކަމަށެވެ.

ޗާގޮސް މައްސަލައިގައި ސަރުކާރުގެ ސްޓޭންޑް ބަދަލުވި ކަމަށް ބުނެ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވެސް ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ.