ބޮލީވުޑްގެ ކުރީގެ މަޝްހޫރު ތަރި ޝްރީ ދޭވީ އާއި އޭނާގެ ފިރިމީހާ ބޯނީ ކަޕޫރުގެ ލޯބީގެ ވާހަކައަކީ ބޮލީވުޑްގައި އެންމެ ގަދައަށް ދެކެވުނު ވާހަކަތަކުގެ ތެރެއިން އެއް ވާހަކަ އެވެ.
ދެތަރިން ލޯބީގެ ގޮތުން ގުޅި ކައިވެނިކުރުމުގެ ކުރިން ޝްރީދޭވީއަކީ އެތައް ބަޔަކު އެ މީހަކާ ކައިވެނިވުމަށް އެދެމުންދިޔަ ތަރިއެކެވެ. އެހެންނަމަވެސް އެތައް ފިރިހެނުންނެއްގެ ހިތް ކުދިކުދިކޮށްލައި އިންޑިއާގެ ފިލްމު ޕްރޮޑިއުސަރު ބޯނީ ކަޕޫރުއާ ޝްރީދޭވީ ކައިވެނި ކުރި ވާހަކައަކީ ވެސް އަޑުއަހައި، ފޫހި ނުވާނެ ވާހަކައެކެވެ.
އެތައް ފިރިހެނުންނެއް ޝްރީދޭވީ ހޯދުމަށް ބޭނުންވި ނަމަވެސް، ޝްރީދޭވީ، އެމީހަކަށްޓަކައި ގުރުބާންވީ، ހަމައެކަނި ފިރިމީހާ ބޯނީ ކަޕޫރަށެވެ.
އެގޮތުން ކައިވެނީގެ ފަހުން ވެސް ޝްރީދޭވީ ބޯނީ ދެކެ ލޯބިވާކަން ހާމަކޮށްދޭ ވާހަކަތަކެއް އެ ދެމީހުންނަށް ލިބިފައިވާ އަލަތު ދަރިފުޅު ޖާންވީ ކަޕޫރު ވަނީ ކިޔައިދީފަ އެވެ.
އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޖާންވީ ވަނީ އޭނާގެ ބައްޕަ ބޯނީއަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހެއްކަން ފާހަގަކޮށްފަ އެވެ. އަދި އެކަމަކީ މަންމަ ޝްރީދޭވީ އިންތިހާއަށް ނަފްރަތުކުރި ކަމެއް ކަމަށް ޖާންވީ ކިޔައިދިނެވެ.
ޖާންވީ ބުނިގޮތުގައި ބައްޕަ ދުންފަތުން ދުރުކުރުމަށްޓަކައި ޝްރީދޭވީ ވަރަށް މަސައްކަތް ކުރި އެވެ. އެގޮތުން ޑޮކްޓަރު، ޝްރީދޭވީގެ ސިއްހަތާ ގުޅިގެން ދީފައިވާ ލަފައާ ހިލާފަށް ޝްރީދޭވީ އަމަލުކުރަން ފެށި ކަމަށާއި، މަހުގެ ބާވަތްތައް ކެއުން އޭނާ ހުއްޓާލިކަމަށް ޖާންވީ ބުނެފައިވެ އެވެ.
އެކަން ވެގެންދިޔައީ ޝްރީދޭވީގެ ހަށިގަނޑު އިތުރަށް ބަލިކަށިވާން ފެށި ކަމެއް ކަމަށެވެ. އެހެންނަމަވެސް އޭނާ ހުރީ ބޯނީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓައިލުމުން ނޫނީ ކެއުން ކުރިއަށް ނުގެންދަން ނިންމައިގެންކަމަށް ޖާންވީ ބުންޏެވެ. އަދި އެކަމާ ގުޅިގެން ބޯނީއަށް ދުންފަތުގެ އިސްތިއުމާރު ކުރުން ހުއްޓާލަން މަޖުބޫރުވިކަމަށް ޖާންވީ ބުންޏެވެ.
ޝްރީދޭވީ އާއި ބޯނީ ކަޕޫރު ކައިވެނީގެ ގޮތުން ގުޅުނީ 1996 ވަނަ އަހަރުގެ ޖޫން މަހުގެ ދެވަނަ ދުވަހުގަ އެވެ. ކައިވެންޏަށް ދެ އަންހެނުން ކުދިން ލިބިފައިވާއިރު، ކައިވެންޏަށް 22 ވީ އަހަރު އޭނާ ވަނީ ދުނިޔެއާ އަލްވަދާއު ކިޔާފަ އެވެ.