ދަރިމައިވުމުގައި ތަފާތު މައްސަލަތައް މިހާރު އާންމެވެ. ދަރިން ނުލިބިގެން ބޭސްކުރާ ދިވެހިންގެ އަދަދު ދަނީ ގިނަވަމުންނެވެ. ބައެއް ފަހަރު މިހެންވާން މެދުވެރި ވަނީ އުފެދުމުގައި ހުންނަ ބައްޔެއްގެ ސަބަބުން ކަމަށްވާއިރު އަނެއްބައި ފަހަރު މިއީ ތިބާގެ އާދަތައް ހުންނަ ގޮތުން ވާ ކަމެކެވެ.

"ދަ ހިއުމަން ރިޕްރޮޑަކްޝަން" ޖާނަލް އިން ހެދި ފަހުގެ ދިރާސާއަކުން ދައްކާގޮތުގައި މާ ގިނައިން ތައްޔާރީ ކާނާ ކާނަމަ އަންހެނުނަށް ދަރިމައިވުމުގައި ތަފާތު ހުރަސްތަކާ ކުރިމަތިވެ އެވެ. އެ ޖާނަލް އިން މި ދިރާސާ ތައްޔާރުކުރީ ދަރިން ހޯދުމަށް މަސައްކަތްކުރި ފަސްހާހަށްވުރެ ގިނަ އަންހެނުން ކެއިން ބުއިމުގެ ފައްޓަފާޅިތައް ބަލާއި ދިރާސާތައް ކޮށްގެންނެވެ.

ދިރާސާގައި ބުނާގޮތުން ކޮންމެ ހަފްތާއަކު ހަތަރު ފަހަރަށްވުރެ ގިނައިން ތައްޔާރީ ކާނާ ކާ އަންހެނުން މާބަނޑުވުމަށް މަހަކަށްވުރެ ގިނަ ދުވަސް ހޭދަވި އެވެ. ނަމަވެސް އެއަށްވުރެ މަދުން އަދި އެއްވެސް ވަރަކަށް ނުކާ އަންހެނުން މާބަަނޑުވުމަށް ހޭދަވީ މަހަކަށްވުރެ މަދު ދުވަސްކޮޅެކެވެ.

ދިރާސާގައި އެއްކުރި މައުލޫމާތުން އެނގުނު ގޮތުގައި ކެއުމުގައި މޭވާ ގިނައިން ބޭނުންކުރި މީހުން ބަނޑުބޮޑުވުމަށް އެވްރެޖުގޮތެއްގައި ނެގީ މަހަކަށްވުރެ ކުޑަ ދުވަސްކޮޅެކެވ. މޭވާ މަދުން ކާމީހުން ދަރިމައިވުމުގެ ފުރުސަތު 12 ޕަސެންޓް ދަށްއިރު، މޭވާ ކެއުން މަދު އަދި ގިނައިން ތައްޔާރީ ކާނާ ކާ މީހުން ދަރިމައިވުމުގެ ފުރުސަތު 16 ޕަސެންޓް ދަށެވެ.

މި ޒަމާނަކީ ތައްޔާރީ ކާނާ އަތްފޯރާ ފަށުގައި ފަސޭހަ ކަމާއެކު ލިބެން ހުންނަ ދުވަސްވަރަކަށް ވާއިރު އާއިލާއެއް ފަށަން މަސައްކަތް ކުރާނަމަ މިފަދަ ކެއުންތަކާ ދުރުވާން ޖެހެ އެވެ.