ސަރުކާރުން މަޖިލީހަށް ފޮނުވި ޓެކްސް ބޮޑުކުރުމުގެ ބިލާ ގުޅިގެން މަޖިލިސް މިހާރު ހިނގަނީ އާއްމުކޮށް ހިނގާ ގޮތަކަށް ނޫން ކަމަށާއި މަޖްލިސްގެ ރިޔާސަތުން ވެސް މަސައްކަތްކުރަނީ އަމިއްލަ މަސްލަހަތަށް ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ދައްކަވަމުން ނާޝިޒް ވިދާޅުވީ ޓެކްސް ބިލް ހުށައެޅުމާއެކު އަމިއްލަ ކަންތައްތަކެއް ހާސިލްކުރުމަށް މަޖިލީހުގެ ރިޔާސަތުން މަސައްކަތް ކުރަށްވާ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޓެކްސްބިލް ލަސްކުރުމުގެ ނިޔަތުގައި ގަސްތުގައި މަޖިލީހުގެ ރިޔާސަތުން ކަންތައްތަކެއް ކުރަށްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެގޮތުން ބިލުގެ ކޮމިޓީ މަރުޙަލާގެ މަސައްކަތް އެޖެންޑާ ނުކޮށް ވެސް ވަރަށް ބޮޑުތަނުން ލަސްކޮށްފައިވާ ކަމަށް ނާޝިޒް ތުހުމަތު ކުރެއްވި އެވެ.

"އޮގަސްޓު މަހު ރައްޔިތުންގެ މަޖިލީހަށް އައި ބިލެއް މިއަދާ ހަމައަށް އައިއިރު ކޮމިޓީ މަސައްކަތް އެދެވޭ ގޮތެއްގައި ކުރިޔަށް ނުދޭ،" އޭނާ ވިދާޅުވި އެވެ.

ނާޝިޒް ވިދާޅުވީ ސަރުކާރުން ބިލެއް އަވަސްކޮށްދޭން އެދިފައިވަނިކޮށް އެބިލް އެޖެންޑާގައި ނުހިމެނި އޮންނަން ޖެހޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.

ދަޢުލަތުގެ މާލީ އިދާރާއިން މަޖިލީހަށް ހުށަހަޅާފައިވާ އިސްލާޙުގައިވަނީ ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް ބޮޑު ކުރުމަށެވެ. އަދި ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތައަށް ބޮޑު ކުރުމަށް އިސްލާހުގައިވެ އެވެ.