ފޯޅަވަހީގެ ސިޔާދަތީ ބާރު އެންމެ ހައްގުކަން ބޮޑީ ދިވެހިންނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ "ފޯއްޅަވަހި: ރާއްޖޭގެ ފަޅުރަށެއް" ނަމުގައި ޓުވިޓާގައި އާންމު ކުރެއްވި ލިޔުމެއްގަ އެވެ.
ރައީސް ނަޝީދުގެ ލިޔުމުގައިވަނީ ފޯޅަވަހީގައި ބަޑަހަ ޖަހައިގެން މަސްވެރިކަންކޮށް އުޅުނީ ދިވެހިން ކަމަށެވެ.
އެ ލިޔުމުގައި ނަޝީދު ވިދާޅުވީ، ތާރީހީ އެކިއެކި ލިޔުންތަކުން ފެންނަ ގޮތުގައި ފޯޅަވައްސަކީ ރާއްޖޭގެ ރަށެއް ކަމަށާއި 1700 ގެ އަހަރުތަކުގައި އެތަނަށް އަޅުން ގެންދެވުނުއިރު، ރާއްޖެއަށް ވެސް އެ ދުވަސްވަރު އަޅުން ގެނެވޭ ކަމަށެވެ.
ނަޝީދު ވިދާޅުވީ، ފޯޅަވަހި ކަމަށް ވިދާޅުވެފައި ވަނީ ޗާގޯސްގެ އަތޮޅުތަކުގެ ތެރެއިން ހިމެނޭ "ޕެރޮސް ބަނޮސް" އަތޮޅަށް ކަމަށެވެ.
މީގެ އިތުރުން 1965 ވަނަ އަހަރު ފޯޅަވަހި ބަލަހައްޓަވަމުން ގެންދެވީ އިނގިރޭސިވިލާތުން ކަމަށާއި އެ ގައުމުގެ ދައުލަތުން ފޯޅަވަހި ދޫކޮށްލެއްވިއިރު އެރަށުގެ ސިޔާދަތީ ބާރު އެންމެ ފުރަތަމަ އެނބުރުނީ އެރަށުގެ އަހުލުވެރިންނަށް ކަމަށް ބުނެފައިވެ އެވެ.
ނަޝީދު ވިދާޅުވީ، އެތަނުގައި މީހުން ނެތް ކަމަށާއި މީހުން ތިބީ ޑިއޭގޯ ގާސިޔާ، މޮރިޝަސް އަދި އިނގިރޭސިވިލާތުގައި ކަމަށެވެ. އަދި މޮރިޝަސްއަށް ގެންދިޔައީ ފޯޅަވަހީގެ މީހުން ނޫން ކަމަށާއި އެތަނުގައި ބަޑަހަ ޖަހައިގެން މަސްވެރިކަމުގައި އުޅުނީ ދިވެހިން ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެހެން ކަމުން ފޯޅަވަހިން އިނގިރޭސިން ފައިބާއިރު ޑިއޭގޯ ގާސިއާ އަދި އެހެނިހެން ބައެއް އަތޮޅުތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ފުރޮޅުނަސް ފޯޅަވަހީގެ ސިޔާދަތީ ބާރު އެންމެ ހައްޤީ ދިވެހިންނަށް ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ފޯޅަވަހީގެ މައްސަލައިގައި މިހާތަނަށް ރާއްޖޭގެ ސަރުކާރުތަކުން ހިފަހައްޓަމުން އައި ސްޓޭންޑް ބަދަލުކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވަނީ މޮރިޝަސް އާއި އެއްކޮޅަށް ވޯޓު ދިނުމަށް ނިންމާއި އެގައުމުގެ ބޮޑުވަޒީރަށް ސިޓީއެއް ފޮނުއްވާފަ އެވެ. މިކަމާ ގުޅިގެން އިދިކޮޅުންނާއި އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުންނާއި ގާނޫނީ ވަކީލުން ވެސް ހިތްހަމަ ނުޖެހުމާއި ފާޑުކިޔަމުންދާއިރު ސަރުކާރުން ދަނީ ސަރުކާރުގެ ސްޓޭންޑް ދިފާއުކޮށް ވާހަކަ ދައްކަމުންނެވެ.