ކުވެއިތުގެ ގައުމީ އެއާލައިން، ކުވެއިތު އެއާވޭސްއިން ރާއްޖެއަށް އަލުން ދަތުރުތައް ފަށައިފި އެވެ.
ކުވެއިތު އެއާވޭސްއިން ރާއްޖެއަށް އަލުން ދަތުރުތައް ފެށީ ކޯވިޑާ ގުޅިގެން ދަތުރުތައް މެދުކަނޑާލާފައި އޮތުމަށްފަހު އެވެ.
ކުވެއިތު އެއާވޭސްގެ ދަތުރުތައް އަލުން ފެށުމުގެ ގޮތުން މިއަދު ހެނދުނު 7:00 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ކުވައިތު އެއާވޭސްގެ ފުރަތަމަ މަތިންދާބޯޓަށް ވެލާނާ އިންޓަނެޝަނަލް އެއާޕޯޓުން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
އެމްއޭސީއެލް އިން ބުނީ އެ އެއާލައިނުން ހަފްތާއަކު ދެ ދަތުރު ރާއްޖެއަށް ކުރުމަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެ ދަތުރުތައް ކުރަނީ ކުވެއިތު އިންޓަނޭޝަނަލް އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.
މި ދަތުރުތަކުގައި ކުވައިތު އެއާވޭސްއިން ބޭނުން ކުރަނީ އޭ 320 މަރުކާރުގެ މަތިންދާބޯޓް ކަމަށް އެމްއޭސީއެލުން ބުނެ އެވެ.
މިއަހަރުގެ ފިނި މޫސުމާއި ދިމާކޮށް ކުވެއިތު އެއާވޭސްއިން ރާއްޖެއަށް ދަތުރުތައް ފަށާފައިވާއިިރު މެދުއިރުމަތީގެ ގައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މިއަހަރު އެ ސަރަހައްދުން 64،714 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.