ބޮލީވުޑްގެ ނަން މަޝްހޫރު ތަރި ތަބޫ އަކީ ފިލްމް އިންޑަސްޓްރީގައި އުސް މަގާމުތަކެއް ހާސިލްކޮށްފައިވާ ތަރިއެކެވެ.

އޭނާގެ ރީތިކަމުންނާއި، އެކްޓު ކުރުމުގެ ހުނަރުން ގިނަ ބައެއްގެ ލޯބި ހޯދާފައިވާއިރު، ތަބޫގެ ކިބައިގައިވާ ހިތް ތިރިކަމާއި މަޑުމައިތިރިކަމަކީ ވެސް އާންމުން އޭނާގެ ސިފަތަކުގެ ތެރެއިން ލޯބިކުރާ ސިފަތަކެކެވެ.

އެހެންނަމަވެސް ތަބޫގެ ފޭނުން އޭނާއާ ގުޅިގެން އެންމެ ބޮޑަށް އޮޅުން އަރާ ހަގީގަތަކީ، ތަބޫ އޭނާގެ ބައްޕަ ޖަމާލް ހާޝްމީގެ ވާހަކަ ދެއްކުމަށް ދެކޮޅުހެދުމެވެ. ހަމައެހެންމެ ތަބޫ އަށް "ތަބޫ ފާތިމާ ހާޝްމީ ކީނަމަވެސް، ދުވަހަކު ވެސް އޭނާގެ ބައްޕަގެ ނަން ފަހަތަށްލައިގެން ނުކިޔާކަން އާންމުންނަށް ފާހަގަވެފައިވެ އެވެ.

މިކަމާ ގުޅިގެން ދާދި ފަހުން ތަބޫ ވާހަކަދައްކާފައިވާއިރު، އޭނާ ވަނީ އޭނާގެ ދިރިއުޅުމާއި ގުޅޭގޮތުން ބައެއް ޒާތީ ވާހަކަތައް އާންމުންނާއި ހިއްސާކޮށްފަ އެވެ.

އެގޮތުން އޭނާއަށް ތިން އަހަރު ފުރުނު އަހަރު ތަބޫގެ ބައްޕަ އެހެން ކައިވެންޏެއް ކޮށް، ޒަވާޖީ ހަޔާތެއް ފެށިކަމަށް އޭނާ ބުނެފައިވެ އެވެ. އެއާއެކު ތަބޫ ބޮޑުވީ، އޭނާގެ މަންމަ ރިޒްވާނާ ހާޝްމީއާ އެކުގައި ކަމަށާއި، ތަބޫއަށް އޭނާގެ ބައްޕަ އަކީ އެހާ މުހިންމު މީހެއް ނޫންކަމަށް އޭނާ ބުނެފައިވެ އެވެ. އަދި އެހެންވުމުން އޭނާގެ ނަމުގެ ފަހަތަށް ބައްޕަގެ ނަން ލުމަކީ ވެސް މުހިންމު ކަމެއްގެ ގޮތުގައި ނުދެކޭ ކަމަށް ތަބޫ ބުނެފައިވެ އެވެ.

ތަބޫ ފިލްމު އިންޑަސްޓްރީއާ ގުޅުނީ 1985 ވަނަ އަހަރު އެވެ. އޭނާ އެންމެ ފުރަތަމަ ފެނިގެންގޮސްފައިވަނީ ދޭވް އާނަންދުގެ ފިލްމު "ހަމް ނޯޖަވާން" ގައި ފުރާވަރު އަންހެން ކުއްޖެއްގެ ރޯލަކުންނެވެ.