ބޮލީވުޑްގެ އެކްޓަރު އަރްބާޒް ހާން ކުރިއަށް އޮތް ފިލްމުގައި އޭނާގެ ދަރިފުޅު އަރްހާން ހާން އެސިސްޓެންޓް ޑައިރެކްޓަރެއްގައި ގޮތުގައި ހަރަކާތެރިވާނެ އެވެ. އަރްހާން އަކީ އަރްބާޒާއީ އޭނާގެ ކުރީގެ އަންހެނުން ބަތަލާ މަލިކާ އަރޯރާގެ ދަރިފުޅެވެ.

ދާދި ފަހުން ނޫހަކަށް ދިން އިންޓަވިއުއެއްގައި އަރްބާޒް ބުނީ ބޮލީވުޑްގައި ކެމެރާގެ ފުރަގަހުގައި މަސައްކަތް ކުރުމަށް އަރްހާން ޝައުގުވެރިކަން ފާޅު ކުރަމުންދާ ކަމަށެވެ. އެކަމާ އޭނާ ވަރަށް އުފާވާކަން ފާހަގަކޮށް ބުނީ ކުރިޔަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އަރްހާން އޭނާގެ ފިލްމު "ޕަޓްނާ ޝުކްލާ" ގައި އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރާނެ ކަމަށެވެ.

މިފިލްމަކީ އަރްބާޒާއި ރަވީނާ ޓަންޑަން ފެނިގެންދާނެ ފިލްމެކެވެ.

"މިހާރު ޝޫޓިން ފަށާފައިވާ އަހަރެންގެ ޕަޓްނާ ޝުކްލާގެ އެސިސްޓެންޓެއްގެ ގޮތުގައި އަރުހާން މަސައްކަތްކުރާނެ. ވަރަށް އުފަލުން މި ހުރީ ދަރިފުޅާ އެކީ މަސައްކަތްކުރުމުގެ ފުރުސަތު ލިބޭތީ،" ސަލްމާން ޚާންގެ ކޮއްކޮ އަރުބާޒް ބުންޏެވެ.

އަރްބާޒް އަދި އަރްހާން އަދި މަލިކާ

އުމުރުން 19 އަހަރުގެ އަރްހާން މިހާރު އަންނަނީ އެމެރިކާގެ ނިއުޔޯކްގެ ލޯންގް އައިލޭންޑް ޔުނިވާސިޓީގައި ފިލްމީ ދާއިރާއާއި ބެހޭ ކޯހެއް ހަދަމުންނެވެ.

އަރުހާން ދާދި ފަހުން އިންޑިއާ އަށް ކުރި ދަތުރެއްގައި ޑައިރެކްޓަރު ކަރަން ޖޯހަރްގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގައި ވެސް އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކޮށްފައިވެ އެވެ.

އާލިއާ ބަޓާއި ރަންވީރު ސިންގް ލީޑް ރޯލުން ފެންނާނެ އެ ފލްމުގެ އެސުސްޓެންޓުންގެ ގޮތުގައި އެކްޓަރު ސައިފް އަލީ ޚާންގެ ދަރިފުޅު އިބްރާހީމް އަލީ ޚާނާއި ބަތަލާ މަދޫރީ ޑިކްސިޓްގެ ދޮށި ދަރިފުޅު އަރިން ނޭނޭ ވެސް މަސައްކަތްކޮށްފައިވެ އެވެ.