އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ އައްޑޫ ސިޓީގެ ހުޅުމީދޫ އާއި ހިތަދޫ ބްރިޖަކުން ގުޅުވާލާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިއަދު ހަވީރު ހުޅުމީދޫގެ ޕީޕީއެމް ސަޕޯޓަރުންނާ ބައްދަލުކުރައްވައި ޔާމީން ވިދާޅުވީ އައްޑޫގެ ތަރައްގީއާ ގުޅިފައި ވަނީ ޕީޕީއެމް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އައްޑޫ ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހައްދަވައިދެއްވާނީ އެމަނިކުފާނު ކަމަށެވެ.

ހުޅުމީދޫގައި އެކަށީގެންވާ ސިއްހީ ހިދުމަތް ލިބެންނެތުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ. ބޭސްފަރުވާއަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް އެ ރައްޔިތުން ދިޔުމަށް ކަނޑު ހުރަސް ކުރަންޖެހެ އެވެ. ޔާމީން މިވަނީ އެކަންކަމަށް ނިމުން ގެންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ޔާމީންގެ ދަތުރުފުޅުގައި އެ ސިޓީއަށް ގިނަ ވައުދުތަކެއް އަންނަނީ ވަމުންނެވެ. އެގޮތުން ގަން ޒަމާނީ ފެންވަރަށް ތަރައްގީ ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

މީގެއިތުރުން އައްޑޫގައި ރޭސިން ޓްރެކެއް އަޅުއްވައިދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.