ބޮލީވުޑްގެ މަޝްހޫރު އެކްޓަރު މުމްބާއީ އެއާޕޯޓުގައި ހިފަހައްޓައިފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޝާހްރުކް ޚާން އެއާޕޯޓްގައި ހިފެހެއްޓީ ގައުމުން ބޭރަށް ކުރި ދަތުރަކަށްފަހު، މުމްބާއީއަށް އައި ވަގުތުގައި އެވެ.
ޝާހްރުކް ހިފަހެއްޓީ އޭނަގެ ލަގެޖުން ވަރަށް އަގުބޮޑު ގަޑިތަކެއް ފެނިގެން ކަމަށެވެ. އަދި އެކަމާ ގުޅިގެން އޭނާ ހިފަހައްޓައި ފަހުން ދޫކޮށްލީ ކަސްޓަމް ޑިއުޓީ އަށް 6.83 ލައްކަ ރުޕީސް ދެއްކުމުން ކަމަށް ވެސް ބައެއް މީޑިއާތަކުން ބުންޏެވެ.
ޝާހްރުކް ރޭ ޕްރައިވެޓް ޖެޓެއްގައި މުމްބާއީ އަށް އެނބުރި ދިޔައީ ޝާރްޖާ އިންޓަނޭޝަނަލް ބުކްފެއާގައި ބައިވެރިވުމަށް ފަހު އެވެ. އެ ފެއާގައި އޭނަ އަށް ގްލޯބަލް އައިކަން އޮފް ސިނެމާގެ އެވޯޑް ދީފައިވެ އެވެ.
މީގެ ކުރިންވެސް ޝާހްރުކް އާ ކަސްޓަމްސް އޮފިޝަރު ވަނީ ސުވާލުކޮށްފަ އެވެ. އެގޮތުން 2011 ވަނަ އަހަރު ކަސްޓަމްސް އޮފިޝަލުން ޝާހްރުކް ހިފަހައްޓާފައިވަނީ އޭނާ އިތުރު ދަބަހެއްގައި ހުއްދަ ނުހޯދާ މުއްދާ އެތެރެކޮށްފައިވާ ކަމަށްބުނެ އެވެ. އަދި ކަސްޓަމްސް ޑިއުޓީ ގޮތުގައި އެފަހަރު 1.5 ލައްކަ ރުޕީސް ވަނީ ދައްކާފަ އެވެ.
އޭނާ އެންމެ ފެނިފައިވަނީ އަނުޝްކާ ޝަރުމާއާއި ކެތުރީނާ ކެއިފުއާއި އެކު 2018 ވަނަ އަހަރު ފްލޮޕް ވެގެން ދިޔަ ފިލުމު ''ޒީރޯ'' އިންނެވެ.
ޝާހްރުކް މިހާރު ކުރަމުން އަންނަ މަސައްކަތަކީ އަންނަ އަހަރު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ "ޕަތާން" މަސައްކަތެވެ. މިފިލްމުގައި ޝާހްރުކްގެ އިތުރުން ދީޕިކާ ޕަދުކޯން އާއި ޖޯން އަބްރަހަމް ފެނިގެންދާނެ އެވެ.