ނިއުޔޯކް (14 ޑިސެމްބަރު ) - އެމެރިކާގައި އެންމެ ފުރަތަމަ ކޮވިޑް ވެކްސިން އިންޓެންސިވް ކެއާ ޔުނިޓްގައި މަސައްކަތްކުރާ ނަރުހަކަށް މިއަދު ދީފި އެވެ.
ސާރާ ލިންސީ އަކީ އެމެރިކާގައި ކޮވިޑް ރޯގާ އާއި ހަނގުރާމަކުރުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރި ވަމުންދާ ނަރުހެކެވެ. ލިންސީ އަށް ވެކްސިން ދެވުނީ ލޯންގް އައިލެންޑް ޖުވިޝް މެޑިކަލް ސެންޓަރުގަ އެވެ.
ލިންސީ ބުނިގޮތުގައި އެންމެ ފުރަތަމަ ވެކްސިން ޖެހުމުގެ ފުރުސަތު ލިބުމަކީ ލިބުނު އުފަލެއް ކަމަށާއި އުންމީދު އާލާވެއްޖެ ކަމަށެވެ.
ލިންސީ އަށް ވެކްސިން ދެވުނު ވަގުތު ނިއުޔޯކް ގަވަރުނަރު އެންޑްރޫ ކުމޯ ވަނީ ޓްވިޓާގައި މިކަން ލައިވް ސްޓްރީމްކޮށްފަ އެވެ.
ކުމޯ ވިދާޅުވިގޮތުގައި ވެކްސިން ދޭން ފެށުމަކީ ވަރަށް އުނދަގޫ ދުވަސްތަކެއް ނިމިދިއުމަށްކުރާ އުންމީދެއް ކަމަށެވެ.
ވެކްސިން ދިންތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރައީސް ޓްރަމްޕް ވެސް ވަނީ ވެކްސިން ދެވުނުކަން ހާމަކޮށް މަރުހަބާ ދަންނަވާފަ އެވެ.
އެމެރިކާގައި ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދިނީ ހުކުރު ދުވަހު އެވެ. އަދި ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދިންތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެމެރިކާގެ ހުރިހާ ސްޓޭޓްތަކަށް ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތްވަނީ ފައްޓާފަ އެވެ.
ސްޓޭޓްތަކަށް ވެކްސިން ފޯރު ކޮށްދިނުމުގައި ޕޯސްޓްގެ ހިދުމަތްދޭ ޔޫޕީއެސް، ފެޑްއެކްސްގެ އިތުރުން އެމެރިކާ ސިފައިން ވެސް ހަރަކާތްތެރިވާނެ އެވެ. – އެންބީސީ ނިއުސް