މޫނުގައި ނަގާ ބިއްސަކީ ގިނަފަހަރަށް ދުރަށް ފާޅުވާ ގޮތަށް ރަތްކޮށް ހުންނަ ފިލުވަން އުނދަގޫ ބިހިތަކެކެވެ. އެހެން ނަމަވެސް މި ބިހިތަކަކީ އޭގެ ރަތްކަމާއި ސައިޒު ކުޑަކުރުމަށް ވެސް ގޭގައި މަސައްކަތް ކުރެވިދާނެ ބިހިތަކެކެވެ.
އައިސް ކިއުބް
ސާފު ފޮތި ކޮޅަކަށް އައިސް ކިއުބެއް ލާފައި މޫނުގައި ހާކާށެވެ. ފިނީގެ ސަބަބުން ބިހީގެ ރަތްކަން ފިލުވާލަ އެވެ. އެހެންނަމަވެސް އައިސް ކިއުބް ހާކާނީ މަޑުމަޑުން ނެވެ. މާ ބާރަށް ހާކައިފި ނަމަ ބިހި ފަޅައިގެން ގޮސް ޖަރާސީމު އިތުރަށް ފެތުރޭގޮތް ވެދާނެ އެވެ.
އައި ޑްރޮޕް
ލޮލަށް އަޅާ ބޭހަކީ އާންމުކޮށް ލޮލުގެ ރަތްކަން ފިލުވާލުމަށް އެހީވެދޭ އެއްޗެކެވެ. އެބޭހުގައި ހިމެނޭ މާއްދާތަކުގެ ސަބަބުން މޫނުގައި ނަގާބިހީގެ ރަތްކަންވެސް ފިލުވާލުމަށް އެހީތެރިވެދެ އެވެ. އެގޮތުން ރޭގަނޑު ނިދުމުގެ ކުރިން ކުޑަ ކަފަކޮޅެއްގައި ބޭސް ހޭކުމަށް ފަހު ބީހީގައި މަޑުމަޑުން ހާކާށެވެ.
އެސްޕްރިން
އެސްޕްރިންގައި ހިމެނޭ ސަލިސިލިކް އެސިޑަކީ މޫނުގައި ނަގާ ބީހީގެ އިތުރުން ކުދި ރޫ ފިލުވާލުމަށް އެހީވެދޭ އެއްޗެކެވެ. އެގޮތުން އެސްޕްރިން ގުޅަ ފުނޑުވާލުމަށްފަހު ފެންކޮޅަކާ އެއްކޮށް ޕޭސްޓެއް ހަދާށެވެ. އެއަށްފަހު މޫނުގައި އުނގުޅުމަށްފަހު ޕޭސްޓް އެއްކޮށް ހިކުމުން ދޮވެލާށެވެ.
ލުނބޯ ހުތް
ލުނބޯ ހުތަކީ ހަށިގަނޑަށް ވެސް ފައިދާ ހުރި ބާވަތެކެވެ. ހާއްސަކޮށް ލުނބޯގައި ހިމެނޭ ސިޓްރިކް އެސިޑްގެ ސަބަބުން މޫނުގައި އުފެދޭ ޖަރާސީމު ނައްތާލުމަށް އެހީވެދެ އެވެ. ލުނބޯ ހުތް ބޭނުންކޮށްގެން ބިހީގެ ރަތްކަން ފިލުވާލުމަށް ރޭގަނޑު ނިދުމުގެ ކުރިން ބިހިތަކުގައި ލުނބޯ ހުތް ހާކާށެވެ.