ހިޔާގެ ޓަވަރުތަކުން އިއްޔެ ކަރަންޓު ކެނޑުނީ ފަހިދިރިއުޅުން ކޯޕަރޭޝަނުން ހަދަމުން އަންނަ ފްލެޓްތަކުގެ މަސައްކަތްކުރާ ކޮންޓްރެކްޓަރު ގަވައިދާ ހިލާފަށް މަގު ކޮނުމުގެ މަސައްކަތްކުރުމުން ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.

އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނިން ބެލިބެލުމުން އެ މަސައްކަތްކޮށްފައި ވަނީ ނަގަން ޖެހޭ ހުއްދަ ނުނަގައި ގަވައިދާ ހިލާފަށް ކަމަށެވެ. އަދި އެ ކުންފުނީގެ ގަވައިދުތަކާއި އުސޫލުތަކުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

އެ ކުންފުނިން ބުނީ ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި މަގު ކޮނުމުގެ މަސައްކަތް ކުރަން ޖެހޭނީ އެ ކުންފުނީގެ ހުއްދަ ނަގައިގެން ކަމަށެވެ. އަދި އެ ހުއްދަ ދޭއިރު ފެނާއި ކަރަންޓް ދޭ ކުންފުނިތަކަށް އަންގައި އެޗްޑީސީން އިންސްޕެކްޓަރުން މަސައްކަތްކުރާ ސައިޓަށް ގޮސް މަސައްކަތްކުރާ ގޮތް ބަލާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

އެ ކުންފުނިން އިއްޔެ ކަރަންޓު ކެނޑުނު ހާދިސާއާ ގުޅިގެން ދިމާވި ދަތިތަކަށް މައާފަށް އެދިފަ އެވެ.

ހިޔާ ޓަވަރުތަކުން އިއްޔެ މެންދުރު 11 ޖަހާކަންހާއިރު ކަރަންޓުގެ އިތުރުން ފެނުގެ ހިދުމަތް ވެސް މެދުކެނޑުނެވެ. އަދި އަލުން އެ ހިދުމަތް ލިބުނީ މެންދުރު ފަހު ތިނެއް ޖަހާކަންހާއިރު އެވެ.

ކަރަންޓު ކެނޑުނު ވަގުތު ޓަވަރު އެކެއްގެ ލިފްޓެއްގެ ތެރޭގައި ތިބި ތިން މީހަކަށް ނުނިކުމެވިގެން ތާށިވި އެވެ. އެ މީހުން ލިފްޓުން ނެރުނީ ލިފްޓް ސާވިސް ކުރާ މީހުންގެ އެހީތެރިކަމާއެކު އެވެ.