ޣައްޒާ (17 ނޮވެމްބަރު) - ޣައްޒާގެ ދެކުނުގައި ހުރި ރެފިއުޖީ ކޭމްޕެއްގެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއްގައި 21 މީހުން މަރުވެއްޖެ އެވެ.

ޣައްޒާގެ ޖަބާލިއާ އަވަށުގައި ބުރާސްފަތި ދުވަހު ރޯވި މި އަލިފާންގަނޑު އެ ސަރަހައްދުގެ ފަޔާފައިޓަރުން ކޮންޓްރޯލްކޮށްފައިވާ ކަަމަށް ޣައްޒާ ކޮންޓްރޯލްކުރާ ހަމާސް ޖަމާއަތުން ބުނެ އެވެ.

މި ހާދިސާގައި 21 މީހުން މަރުވި އިރު އޭގެ ތެރޭގައި ހަތް ކުޑަކުދިން ވެސް ހިމެނޭ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް ޔުނިޓުން ވަނީ ބުނެފަ އެވެ.

އަލިފާން ރޯވާން މެދުވެެރިވި ސަބަބު އަދި މުޅިން ސާފުވެފައި ނުވި ނަމަވެސް ރޯވި އެޕާޓްމަންޓްގައި ގިނަ އަދަދަކަށް ޕެޓްރޯލާއި ތެޔޮ ރައްކާކޮށްފައި ހުރި ކަމަށް ހަބަރުތައް ބުނެ އެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ކާބޯތަކެއްޗާއި ފެނުގެ އިތުރުން ސިއްހީ ވަސީލަތްތައް ފޯރުކޮށް ދިނުމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވަނީ އަމުރު ކުރައްވާފަ އެވެ.

އޭގެ އިތުރުން އައްބާސް ވަނީ އާއްމުންނަށް ބޭނުންވާ އެހީތައް ފަސޭހައިން ލިބިދިނުމަށްޓަކައިޒު އެ ސަރަހައްދާ ބޯޑަރު ހިއްސާކުރާ އިޒްރޭލްގެ ހުޅަނގު ސަރަހައްދު ހުޅުވާލުމަށް އިޒްރޭލަށް ގޮވާލާފަ އެވެ.

ޖަބާލިއާއަކީ ރެފިއުޖީ ކޭމްޕެއް ނަމަވެސް ރަނގަޅު އިމާރާތްތަކާއި އެޕާޓްމަންޓްތަކާއެކު އާއްމު ސަހަރަކާ ދާދި އެއްގޮތް ކަމެއް އެ ސަރަހައްދުން ފެނެ އެވެ.

ޣައްޒާގައި ކަރަންޓު ލިބުން ދަތިކަމަކަށް ވާއިރު އެކި ބޭނުންތަކުގައި އަލިފާނުގެ ބޭނުން ކުރުމަކީ ގޭބިސީތަކުގައި އާއްމު ކަމެކެވެ. އެހެން ކަމުން އެ ސަރަހައްދުގައި ގިނަ އަދަދެއްގެ އަލިފާނުގެ ހާދިސާތައް ވެސް ރެކޯޑު ކުރެވެ އެވެ.

ޖުމްލަ 2.3 މިލިއން މީހުންގެ އާބާދީއެއް އޮންނަ ޣައްޒާއަކީ 2007 ވަނަ އަހަރުން ފެށިގެން އިޒްރޭލުގެ އަނިޔާވެރިކަމާ ކުރިމަތިލަމުން އަންނަ ސަރަހައްދެކެވެ. -- އަލް އަރަބިއްޔާ