ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ސްމާޓް ކާޑަކަށް ބަދަލުކުރަން ނިންމައި، އެ ކާޑު ޑިޒައިން ކޮށްދޭނެ ބަޔަކު ހޯދަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން އަލުން އިއުލާންކޮށްފި އެވެ.

ޑީއެންއާރުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިހާރު ބޭނުންކުރާ އައިޑީ ކާޑުގެ ޑިޒައިން ބަދަލުކޮށް ސަލާމަތީގޮތުން ފުރިހަމަ އިތުބާރާ ޔަޤީންކަން އޮންނަ ޒަމާނީ ސެކިއުރިޓީ ފީޗާރސްތަކާއެކު ސްމާޓް އައިޑީ ކާޑެއް ތައާރަފުކުރުމަށްޓަކައި ކުރެއްވި އިއުލާނަށް އެކަށީގެންވާ އަދަދަށް ހުށަހެޅުންތައް ލިބިފައިނުވާތީ، އެ އިއުލާން ބާޠިލުކޮށް އަލުން އެ ފުރުސަތު ހުޅުވައިލާ ކަމަށެވެ.

އައިޑީ ކާޑު ފަރުމާކުރާނެ ފަރާތެއް ހޮވާނީ އެ ފަރާތުގެ ފަންނީ ގާބިލުކަމާއި ހުށަހަޅާ ކޮންސެޕްޓްގެ ފުރިހަމަކަމަށް ބެލުމަށްފަހު ކަމަށް ޑީއެންއާރުން ބުންޏެވެ.

ޕްރޮޕޯސަލް ބަލައިގަތުމުގެ ސުންގަޑިއަކީ އަންނަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުގެ 1:00 އެވެ.

އައިޑީ ކާޑު އެންމެ ފުރިހަމައަށް ފަރުމާކުރާ ފަރާތަކަށް އިނާމެއްގެ ގޮތުގައި ދެ ލައްކަ ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. ދި އައިޑީ ކާޑު ޑިޒައިންކުރާ ޝޯޓްލިސްޓްވާ ތިން ފަރާތަށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ރަސްމީ ލިޔުމެއް ވެސް ލިބޭނެ ކަމަށް ބުންޏެވެ. އެ ޑިޕާޓްމަންޓުން ބުނިގޮތުގައި، ހުށަހަޅާ ޑިޒައިންތައް ރަސްމީކޮށް އާންމުކޮށް، އެ ކުރެހުންތައް އާންމުކޮށް ހުޅުވާލާ މައުރަޒެއްގައި ވެސް ދައްކާލާނެ އެވެ.

ޑީއެންއާރުން އައިޑީކާޑުގެ ޑިޒައިން ބަދަލުކުރަން ނިންމާފައިވާއިރު، އެއީ މިދިޔަ ފެބްރުއަރީ މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޒީރުންގެ މަޖިލީހުގައި ނިންމެވި، ރާއްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ރާއްޖޭގައި މިހާރު ބޭނުންކުރަމުން އަންނަ އައިޑީކާޑު ޑިޒައިން ހެދީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 1984 ގަ އެވެ.