ދިއްލީ (22 ނޮވެމްބަރު) - އިންޑިއާއަށް ދަތުރުކުރާ ބޭރުގެ ފަތުރުވެރިންނަށް އެ ގައުމަށް ވަދެ އުޅުމުގައި އިތުރު ލުއިތަކެއް ދީފި އެވެ.
އެގޮތުން ކޮވިޑާ ގުޅިގެން އެގައުމަށް ވަންނައިރު ހުށައަޅަން މަޖުބޫރު ކުރުވި ޕީސީއާރް ޓެސްޓާއި އެއާ ސުވިދާގެ ފޯމުތައް މީގެ ފަހުން ހުށައަޅަން ނުޖެހޭނެ ކަމަށް އެގައުމުން ބުނެ އެވެ.
އިންޑިއާއިން މި ނިންމުން ނިންމާފައި މިވަނީ އެގައުމުން ފެންނަމުން ދާ ކޮވިޑް 19ގެ ކޭސްތައް މަދުވަމުން ދިއުމާއެކު އެގައުމަށް ދަތުރުކުރާ ފަރާތްތަކަށް އިތުރު ފަސޭހައެއް ދިނުމުގެ ގޮތުންނެވެ.
އާ ގަވާއިދުތަކުގެ ދަށުން ކޮވިޑް 19ގެ އަލާމާތްތައް ހުރި ދަތުރުވެރިން އެކަހެރިކޮށް ބައްޔަށް ޓެސްޓު ކުރުމުގެ އިހުތިޔާރު އެގައުމުގެ އިދާރާތަކަށް ލިބިގެންވެ އެވެ. އަދި އެފަދަ ފަރާތްތަކުން އާއްމު ތަންތަނުގައި އުޅޭއިރު މާސްކު އެޅުމަށް ވެސް ގަވާއިދުގައި ބުނެފައިވެ އެވެ.
މި ބަދަލުތަކާއެކު އިންޑިއާއަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެ އެވެ. ކުރިއަށް އޮތް ޑިސެމްބަރު މަހަކީ ދިވެހިންގެ ތެރެއިން ވެސް ގިނަ ބަޔަކު އިންޑިއާއަށް ދަތުރުކުރާ ދުވަސްވަރެކެވެ.
އިންޑިއާއަކީ 2020 އަދި 2021 ވަނަ އަހަރު ދުނިޔޭގައި އެންމެ ހަލުވި ކަމާއެކު ކޮވިޑް 19 ފެތުރެމުން އައި އެއް ގައުމެވެ. -- އަލް އަރަބިއްޔާ