މޮސްކޯ (15 ޑިސެމްބަރު) - ރަޝިޔާގެ ރައީސް ވުލަޑްމީރު ޕުޓިން އެމެރިކާގެ ރައީސްކަމަށް އަލަށް ހޮވިވަޑައިގެންނެވި ޖޯ ބައިޑެންއަށް ހަ ހަފްތާ ފަހުން މަރުހަބާ ދަންނަވައިފި އެވެ.

ކްރެމްލިން އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖޯ ބައިޑެން އެމެރިކާގެ ރައީސް ކަމަށް ހޮވި ވަޑައިގަތުމުން މަރުހަބާ ދަންނަވާ ކަމަށެވެ. އަދި ރައީސް ބައިޑެންގެ ވެރިކަމުގެ ދުވަސްވަރަކީ ކާމިޔާބު ދުވަސްތަކަކަށްވާނެ ކަމާމެދު އެއްވެސް ޝައްކެއްނެތް ކަމަށާއި ރަޝިޔާ އާއި އެމެރިކާގެ ގުޅުން އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ލިޔުއްވާފައިވެ އެވެ.

ޕުޓިން އިތުރަށް ވިދާޅުވި ގޮތުގައި ދެ ގައުމުގެ ރައްޔަތުންނާއި ދުނިޔޭގެ އެހެނިހެން ގައުމުތަކުގެ ރައްޔަތުންގެ ހައްގުގައި އެކުވެރިކަމާއި އިހްތިރާމާއެކު މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި ރައީސް ޖޯ ބައިޑެންއާ އެކުގައި އެއްބާރުލުން ދީގެން މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވި އެވެ.

ބައިޑެން ފާހަގަ ކުރެވިފައިވަނީ ރަޝިޔާއާ ދުރު ބޭފުޅެއްގެ ގޮތުގަ އެވެ.

އޮކްޓޯބަރު މަހު ސީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ރަޝިޔާއަކީ އެމެރިކާގެ ސަލާމަތަށް އޮތް އެންމެ ބޮޑު ނުރައްކާކަމަށް ބައިޑެން ވަނީ ވިދާޅުވެފަ އެވެ. ނޮވެމްބަރު މަހު ބޭއްވި އެމެރިކާގެ އިންތިޙާބް ކާމިޔާބު ކުރެއްވުމާއެކު ދުނިޔޭގެ އެކި ގައުމުތަކުގެ ވެރިން ބައިޑެންއަށް މަރުހަބާ ދެންނެވިއިރު ޕުޓިން މަރުހަބާ ދަންނަވާފައި ނުވެ އެވެ.

ރައީސް ޓްރަމްޕްގެ ވެރިކަމުގެ ދުވަސްވަރަކީ އެމެރިކާއާއި ރަޝިޔާގެ ގުޅުމަށް ރަނގަޅު ބަދަލުތަކެއް އައިސްފައިވާ ދުވަސްވަރެއްކަން ފާހަގަ ކުރެވެ އެވެ.

ޓްރަމްޕް ވަނީ ވަރަށް ގިނަ ފަހަރަށް ޕުޓިން އަދި ޕުޓިން ސަރުކާރާ އެއްކޮޅަށް ވާހަކަ ދައްކަވާފަ އެވެ. 2016 ވަނަ އަހަރު ޓްރަމްޕް ވެރިކަމަށް ހޮވުނުކަން އިއުލާން ކުރިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ރަޝިޔާއިން ވަނީ ޓްރަމްޕަށް މަރުހަބާ ދަންނަވާފަ އެވެ. -- ސީއެންއެން