ލޮނުމެދަކީ އާއްމުކޮށް ކެއްކުމުގައްޔާއި ކާއެއްޗެހީގެ ރަހަ ހެޔޮވަރު ކުރުމަށް ބޭނުންކުރާ ބާވަތެކެވެ. އެއީ ހަށިގަނޑަށް ބޭނުންވާ އެތަކެއް މާއްދާއެއް އެކުލެވިގެންވާ ބާވަތެކެވެ. އެގޮތުން ލޮނުމެދުގެ ދިޔަ އަކީ އެތައް ބަލިތަކެއްގެ ފަރުވާ އެވެ. އެތައް މައްސަލަތަކެއްގެ ހައްލެވެ.

ނޭވާ ހިއްލުން

ނޭވާ ހިއްލުމުގެ މައްސަލަ ދިމާވާ ފަރާތްތަކަށް ލޮނުމެދު ދިޔަ އަކީ ވަރަށް ބޭނުންތެރި އެއްޗެކެވެ. އެގޮތުން އެ ފަދަ ފަރާތްތަކަށް ޖެހޭ އެސްމާ އެޓޭކް ކޮންޓްރޯލް ކުރުމަށް ލޮނުމެދު ދިޔަ ބޭނުންކޮށްގެން ބުއިމެއް ތައްޔާރު ކުރެވިދާނެ އެވެ.

މޫނުގައި ބިހި ނެގުން

ލޮނުމެދުގެ ދިޔަ މޫނުގައި ހޭކުމަށް ފަހު ފަސް ވަރަކަށް މިނިޓު ވަންދެން ބަހައްޓާށެވެ. އެއަށް ފަހު ސާފު ފެން ފޮދަކުން މޫނު ދޮވެލާށެވެ. ބިހި ނެގުން މަދުވާނެއެވެ.

ބޮލުން އިސްތަށި ފޭބުން

ބޮލުން އިސްތަށި ފައިބާ ފަރާތްތަކަށް ވެސް ލޮނުމެދު ދިޔަ އަކީ ހައްލެކެވެ. ބޮލުގައި އިސްތަށި މަދު އަދި އިސްތަށި ނުހުންނަ ހިސާބުތަކުގައި އިސްތަށި ފެޅުވުމަށް ލޮނުމެދުގެ ދިޔަ ހާކާށެވެ. އަދި ހިކެންދެން ބެހެއްޓުމަށް ފަހު ދޮވެލާށެވެ.

ކެއްސުން

ހޫނު ފެންތަށްޓަކަށް ލޮނުމެދު ދިޔަ ކޮޅެއް އެއްކޮށްލުމަށް ފަހު ބޯލާށެވެ. ނުވަތަ އަންނާރު ޖޫހަށް ވެސް ލޮނުމެދު ދިޔަ ކޮޅެއް އެއްކޮށްލައިގެން ބޭނުން ކުރެވިދާނެ އެވެ. ކަރުގެ ރިހުމާއި ކެއްސުމަށް އަވަހަށް ހައްލެއް ލިބޭނެ އެވެ.

ތައްޔާރު ކުރާނީ ކިހިނެއް؟

15 ވަރަކަށް ލޮނުމެދު، ގްރައިންޑަރެއް ބޭނުންކޮށްގެން މުގުރާށެވެ. އެއަށް ފަހު ފުރޭންޏަކުން ނުވަތަ އެފަދަ އެހެން އެއްޗަކުން ފުނޑާފައި ހުރި ލޮނުމެދުގެ ދިޔަ ފެލާލާށެވެ. އަދި ފުޅިއަކަށް އެޅުމަށް ފަހު ފްރިޖް ކޮށްފައި ބަހައްޓާށެވެ.