ރާއްޖޭގެ ޓޫރިޒަމް ކުރިއަރުވަން ގިނަ ހިދުމަތްތަކެއް ކޮށްދެއްވި މަޝްހޫރު ވިޔަފާރިވެރިޔާ ކޮލިގޭ ޑރ. އިބްރާހިމް މަނިކު (ޑރ. މަނިކު)ގެ ހަނދާނުގައި، ގައުމަށް ބޭނުންތެރި އެކި ދާއިރާތަކުން އެހީ ދިނުމަށް މިއަދު ފައުންޑޭޝަނެއް އިފްތިތާހުކޮށްފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނި ކަމަށްވާ ޔުނިވާސަލް އެންޓަޕްރައިސަސްގެ އެއް ހިއްސާދާރު އަދި ރާއްޖޭގެ އެންމެ ފުރަތަމަ ހޭނައްތާ ޑޮކްޓަރު އިބްރާހިމް މަނިކު އަވަހާރަވީ މީގެ ދެ އަހަރު ކުރިން، 26 ނޮވެމްބަރު 2020ގަ އެވެ.
އުމުރުން 68 އަހަރުގައި އޭނާ އަވަހާރަވީ ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.
އިބްރާހިމް މަނިކުގެ ސީދާ ބެއްލެވުމުގެ ދަށުން އެންމެ ފަހުން ހުޅުވި ރިސޯޓް ކަމަށްވާ، ބ. ނޯޓިލަސް މޯލްޑިވްސްއާ ގުޅުވައިގެން ނަން ދީފައިވާ، "ދަ ނޯޓިލަސް ފައުންޑޭޝަން" އިފްތިތާހުކޮށްފައި ވާކަން، އެ ރިސޯޓުން މިއަދު ވަނީ އިއުލާނުކޮށްފަ އެވެ.
"ދަ ނޯޓިލަސް ފައުންޑޭޝަން" ގާއިމްކޮށްފައި ވަނީ، އެ ފައުންޑޭޝަނުން ނެރުނު ބަޔާނެއްގައިވާ ގޮތުން، އިބްރާހިމް މަނިކު އުފެއްދެވި އެހެން ކުންފުނިތަކާ ވެސް ގުޅިގެންނެވެ.
އޭގެ ތެރޭގައި ހިމެނެނީ:
- މަންޓާ އެއާ ދ. ކުޑަހުވަދޫގައި އޮންނަ ދާލު އެއާޕޯޓް
- ދ. ކަނޑިންމަ މޯލްޑިވްސް ރިސޯޓް
- އދ. ނޯވާ މޯލްޑިވްސް ރިސޯޓް
- ރިއޯލޯ ޓްރެވަލް
- އީގަލް މެރިން
- ކޮކާ-ކޯލާ ކުންފުނީގެ ބުއިންތައް ރާއްޖޭގައި ބަންދުކޮށް ވިއްކާ، މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ (އެމްއޭޑަބްލިއުސީ)
"ދަ ނޯޓިލަސް ފައުންޑޭޝަން"ގެ ބޭނުމަކީ:
- ރާއްޖޭގެ އިގްތިސާދީ އަދި އިޖްތިމާއީ ކުރިއެރުމަށް މަގުފަހިކޮށްދިނުން
- ވަކި އުމުރުކަށް، ޖިންސަކަށް އަދި އެ މީހެއްގެ ހައިސިއްޔަތަށް ބެލުމެއް ނެތި، އީޖާދީ އަދި ބޭނުންތެރި މަސައްކަތްތަކާއި ކަންކަން ކުރިއެރުވުން
މި ފަައުންޑޭޝަނުން ސްކޮލަޝިޕްތަކާއި މާލީ އެހީ ދިނުމުގައި އިސްކަން ދޭނެ ދާއިރާތަކަކީ:
- ފަތުރުވެރިކަން ސިއްހީ ދާއިރާ
- ތައުލީމީ ދާއިރާ
- އިންޖިނިއަރިން
- ވައިގެ ދަތުރުފަތުރު
- ނޫސްވެރިކަމާއި މީޑިއާ
ދަ ނޯޓިލަސް ފައުންޑޭޝަން' އިން ބުނި ގޮތުގައި، މާލީ އެހީ ދިނުމުގެ އިތުރުން، އެ އެހީ ލިބޭ ފަރާތްތަކުން ކުރާ ކަންކަން ކުރިއަށް ގެންދިއުމަށް އެ ފައުންޑޭޝަނުން ފަންނީ އެހީ ވެސް ދޭނެ އެވެ. އެހީ ލިބޭ ފަރާތްތަކުން މަސައްކަތް ކުރަން ޖެހެނީ، އެ ފައުންޑޭޝަނުން ބުނި ގޮތުގައި، ރާއްޖޭގަ އެވެ.