ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓްތަކުގެ ވަގުތީ ލިސްޓު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު އާއްމުކުރިއިރު ގިނަ ބަޔަކު ޝަރުތު ހަމަނުވާ ކަމަށް ބުނެފި އެވެ.
އެޗްޑީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފު ވިދާޅުވީ ފްލެޓްތަކަށް ކުރިމަތިލާން ހުޅުވާލުމުން 1،413 ފަރާތަކުން ފޯމު ހުށަހެޅި ކަމަށެވެ. އެކަމަކު ގިނަ އަދަދެއްގެ ފޯމުތަކުގައި ޑޮކިއުމެންޓް ހަމަނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕްލޭނިން މިނިސްޓްރީން ކަނޑައެޅި ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ޑޮކިއުމެންޓްތައް ހަމަ ނުވާ ފަރާތްތަކަށް ފަސް ދުވަހުގެ މުއްދަތެއް ދޭން ނިންމާފައިވާ ކަމަށެވެ.
"[ފްލެޓްތަކަށް ކުރިމަތިލާން] ހުޅުވާލީ ހައުސިން މިނިސްޓްރީން ކަނޑައެޅި ކްރައިޓީރިއާތަކަށް. ފުރަތަމަ އެޗްޑީސީން މިބަލަނީ ހައުސިން މިނިސްޓްރީގެ އިޖްތިމާއީ ބޯހިޔާވަހިކަމަށް ކަނޑައަޅާފައިވާ ކެޓަގަރީއަށް ކޮލިފައިވާ ފަރާތްތައް. އެހެންވީމަ 1،413 އެޕްލިކޭޝަންގެ ތެރެއިން 723 އެޕްލިކޭޝަންއަކީ ހައުސިން މިނިސްޓްރީގެ ކްރައިޓީރިއާއަށް ހަމަވާ ފަރާތްތައް،" އޭނާ ވިދާޅުވި އެވެ.
"ވިނަރެސް" މަޝްރޫއުގައި ހިމެނޭ ހުރިހާ ޓަވަރެއްގައި ވެސް ހުންނާނީ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ. އެއީ ހަތަރު ވައްތަރެއްގެ އެޕާޓްމަންޓްތަކެކެވެ. އެ ތަނުގައި ހިމެނެނީ މެރީނާ ވިއު އާއި އިނާ ވިއު އަދި އައުޓާ ވިއުގެ އިތުރުން ސްޓޭންޑާޑް ވިއު އެވެ.
މި ތަންތަނުގެ އަގު އުޅޭނީ 2.5 މިލިއަނާއި 2.7 މިލިއަން ރުފިޔާއާ ދެމެދުގަ އެވެ.
ވިނަރެސްގެ ވަގުތީ ލިސްޓު ދައްކާ ގޮތުން ޝަރުތު ހަމަވީ 723 މީހުންނެވެ. ކުރިމަތިލީ 690 މީހުން ޝަރުތު ހަމަނުވާ ކަމަށް އެޗްޑީސީން ބުންޏެވެ.
ވިނަރެސް އެޕާޓްމަންޓްތައް ގަތުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް ހެދި ފޯމު ހުށަހެޅުމަށް އެޗް.ޑީ.ސީން ހުޅުވާލީ މިދިޔަ ޖުލައި މަހުގެ 17 ވަނަ ދުވަހުއެވެ.
ވިނަރެސް ހައުސިން މަޝްރޫޢުގެ ތެރޭގައި ހިމެނެނީ 10 ޓަވަރެވެ. އެއީ ޖުމްލަ 1344 ހައުސިން ޔުނިޓެވެ. މި ޕްރޮޖެކްޓްގައި ހިމެނޭ ހައުސިންގ ޔުނިޓްތަކުގެ ޢަމަލީ މަސައްކަތްތައް މިހާރު ވަނީ މުޅިންހެން ނިމިފަ އެވެ. މިހާރު ކުރިއަށް ދަނީ ބައެއް ޓަވަރުތަކުގެ އެތެރޭގެ ފިނިޝިން މަސައްކަތްތައް އެކަންޏެވެ. މިއީ މުޅިން ވެސް 3 ކޮޓަރީއާއި 3 ފާޚާނާ ހިމެނޭ ފްލެޓްތަކެކެވެ. މި ފެލްޓްތައް ތަރައްގީކޮށްފައި ވަނީ ހުޅުމާލޭ ފޭސް ދޭއްގެ ހިތިގަސްމަގުގަ އެވެ.
މި ފްލެޓްތައް ގަންނަން ބޭނުންވާ ފަރާތްތަކަށް އެޗްޑީސީން އެ ފުރުސަތު ހުޅުވާލީ މިދިޔަ ޖުލައި މަހުގެ 17ގަ އެވެ. އަދި ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހަށް މުއްދަތު ހަމަވިއިރު، ޖުމްލަ 1،413 ފަރާތަކުން ފްލެޓްތައް ގަތުމަށް ކުރިމަތިލާފައިވާކަމަށް އެ ކުންފުނިން ބުނެ އެވެ.
މި ފްލެޓްތައް ގަތުމަށް ހުޅުވާލެވުނު ފުރުސަތުގައި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑުތަކަށް ނޭޝެނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބެލުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކާއި، ޝަރުތު ހަމަނުވާ ފަރާތްތަކުގެ މައުލޫމާތު އެޗްޑީސީން މިހާރު ވަނީ އާއްމުކޮށްފަ އެވެ.
ވިނަރެސް ފްލެޓްތައް ގަތުމަށް ދެ ކެޓެގަރީއަކުން އެޗްޑީސީން ހުޅުވާލި އެވެ. އެއީ މާލޭގައި ދިރިއުޅެމުންގެންދާތާ 15 އަހަރުވެފައިވާ ފަރާތްތަކުގެ ކެޓެގަރީއާއި، މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ 15 އަހަރު ވެފައިވާ ފަރާތްތަކުގެ ކެޓެގަރީ އެވެ.
މީގެ ތެރެއިން މާލޭގައި ދިރިއުޅެމުން ގެންދާތާ 15 އަހަރު ވެފައިވާ ފަރާތްތަކުގެ ކެޓެގަރީއަށް ޖުމްލަ 1،118 އެޕްލިކޭޝަނެއް ހުށަހަޅާފައިވާއިރު، އެޗްޑީސީގެ ވަގުތީ ލިސްޓު ދައްކާގޮތުން މީގެ ތެރެއިން ޝަރުތު ހަމަވަނީ 475 ފަރާތެކެވެ. އަދި މާލޭގެ ރަށްވެއްސަކަށްވެފައިވާތާ 15 އަހަރު ވެފައިވާ ފަރާތްތަކުގެ ކެޓެގަރީއަށް ޖުމްލަ 295 އެޕްލިކޭޝަނެއް ހުށަހަޅާފައިވާއިރު، ޝަރުތު ހަމަވަނީ 248 ފަރާތެކެވެ.
އެ ކުންފުނިން ބުނީ އާއްމުކޮށްފައި ލިސްޓުގައި ޝަރުތުހަމަވާ ފަރާތްތަކުގެ މާލީ ގާބިލުކަން ބެލުމާއި ގުޅޭގޮތުން އެޗްޑީސީން މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ. އަދި މައި- އެޕްލިކަންޓާއި ކޯ- އެޕްލިކަންޓުގެ ގޮތުގައި އެއް ފޯމަށް ވުރެ ގިނަ ފޯމުގައި ބައިވެރިވެފައިވާ ފަރާތްތަކަށް ކުރިއަށް ދެވޭނީ އެންމެ ފޯމަކާއެކު ކަމަށް އެޗްޑީސީން ބުނެ އެވެ.
ވަގުތީ ލިސްޓުގައި ޝަރުތު ހަމަވާ ފަރާތްތަކުގެ މާލީ ގާބިލުކަން ބެލުމަށްޓަކާ ފޯނުން ގުޅާނެ ކަމަށާއި، އެޗްޑީސީން ހަމައެކަނި ގުޅާނީ 3353535 ނަންބަރުން ކަމަށް އެޗްޑީސީން ބުނެ އެވެ. އަދި އީމެއިލްކުރާނީ ހަމައެކަނި [email protected] މެއިލުން ކަމަށް ވެސް އެ އެ ކުންފުނިން ބުނެ އެވެ.
ވިނަރެސް ހައުސިން މަޝްރޫއާބެހޭ ގޮތުން އެއްވެސް ފަރާތަކާ އެސްއެމްއެސްގެ ޒަރިއްޔާއިން މުއާމަލާތެއް ނުކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. އަދި ވަގުތީ ލިސްޓާގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާ ނަމަ މައިހުޅުމާލެ ހައުސިން ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ.