ޣައްޒާ (29 ނޮވެމްބަރު) - ބަދަލު ހިފުމުގެ މަގްސަދުގައި ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާ ދިން އިޒްރޭލުގެ ތިން ސިފައިންގެ މީހަކު ހައްޔަރު ކޮށްފި އެވެ.

އެ އޮފިސަރުން ފަލަސްތީނުގެ އާއްމުންނަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދީފައިވަނީ މިދިޔަ ހަފްތާ ތެރޭގައި ފަލަސްތީނުގެ ހަނގުރާމަވެރިން އިޒްރޭލަށް ނިސްބަތްވާ މީހެއްގެ ހަށިގަނޑު އެ ސަރަހައްދުގެ ހޮސްޕިޓަލަކުން ނެގުމުން އެކަމުގެ ބަދަލު ހިފުމަށްޓަކަ އެވެ.

މި ހާދިސާއާއެކު އެ ޒުވާނާގެ ހަށިގަނޑު ހޯދުމަށްޓަކައި އިޒްރޭލްގެ އަސްކަރިއްޔާއިން ފަލަސްތީނުގައި ބޮޑު އޮޕަރޭޝަނެއް ފަށާނެ ކަމަށް އޮތީ ބެލެވިފަ އެވެ.

އެހެން ނަމަވެސް އދ މެދުވެރި ވެގެން ކުރެވުނު މަޝްވަރާތަކަށްފަހު ޒުވާނާގެ ހަށިގަނޑު ވަނީ އިޒްރޭލުގެ އިދާރާތަކާ ހަވާލު ކުރެވިފައި ކަމަށް ހަބަރުތައް ބުނެ އެވެ.

އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ބެނީ ގެންޓްޒް ވިދާޅުވީ އިޒްރޭލު ސިފައިންގެ ހަމަލާއަކީ ބަދަލު ހިފުމުގެ ރޫހުގައި ދިން ހަމަލާއެއްކަން ތަހުގީގަށް ސާބިތުވެއްޖެ ނަމަ އެކަމުގައި ބައިވެރިވި ހުރިހާ ސިފައިންނަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އިޒްރޭލުގެ އަސްކަރިއްޔާއަކީ ގާނޫނު އަތް މައްޗަށް ނަގާ ބައެއް ނޫން ކަމަށާއި އަދަބު ލިބެން ޖެހޭނަމަ އެކަން ކުރާނީ ގާނޫނުގެ ތެރެއިން ކަމަށެވެ. -- އަލް އަރަބިއްޔާ