ދޯހާ (30 ނޮވެމްބަރު) – ފީފާ ވޯލްޑް ކަޕްގެ ގުރޫޕް ބީގައި މިރޭ ވޭލްސް އަތުން މޮޅުވެ އިންގްލެންޑް ގުރޫޕްގެ އެއްވަނައިގެ ގޮތުގައި ގަދަ 16ގެ ބުރަށް ދަތުރުކުރިއިރު، ވާދަވެރި މެޗަކަށް ފަހު އީރާން އަތުން 1-0 އިން މޮޅުވެ އެމެރިކާ ވަނީ މި ގުރޫޕްގެ ދެވަނަ ހޯދައި ގަދަ 16ގެ ބުރަށް ދަތުރުކޮށްފަ އެވެ.
ގުރޫޕް ބީގެ މެޗުތައް މިރޭ ނިމުނުއިރު، އިންގްލެންޑްގެ ގުރޫޕްގެ އެއްވަނަ ހޯދީ ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކުއެވެ. އިންގްލެންޑް ކުޅުނ ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފައިވާއިރު، އެއް މެޗު ވަނީ އެއްވަރުވެފަ އެވެ. އެމެރިކާ ދެވަނަ އަށް ދިޔައީ ފަސް ޕޮއިންޓާއެކުއެވެ. އީރާން ގުރޫޕް ނިންމާލީ ތިން ޕޮއިންޓާއެކު ތިން ވަނައިގަ އެވެ. އެންމެ ޕޮއިންޓަކާއެކު ފުލަށް ދިޔައީ ޥޭލްސް އެވެ.
ގަދަ 16ގައި އިންގްލެންޑާ ދެކޮޅަށް ނުކުންނާނި ގުރޫޕް އޭގެ ދެވަނަ ކަމަށްވާ ސެނެގާލްއެވެ. އަދި އެމެރިކާއާ ދެކޮޅަށް ނުކުންނާނީ ގުރޫޕް އޭގެ އެއްވަނަ ޓީމު ކަމަށްވާ ނެދަލޭންޑްސް އެވެ.
މެޗަށް ނިކުތްއިރު ވެސް ގަދަ 16ގެ ބުރަށް ދަތުރުކުރުމުގެ އަމިއްލަ ބާރު ގެއްލިފައިވާ ވޭލްސް އަތުން މިރޭ އިންގްލެންޑް ފަސޭހަކަމާއެކު މޮޅުވިއިރު، މެޗުގެ ހުރިހާ ލަނޑެއް ވެސް ފެނުނީ ދެވަނަ ހާފުގަ އެވެ. މެންޗެސްޓާ ޔުނައިޓަޑްގެ ފޯވަޑް މާކަސް ރަޝްފޯޑް މި މެޗުގައި ދެ ލަނޑު ޖެހިއިރު، މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ފިލް ފޯޑަން ވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އީރާނާއި އެމެރިކާގެ ކުރިމަތިލުމުގެ ހަމައެކަނި ލަނޑު ފެނިގެންދުޔައީ މެޗުގެ 38 ވަނަ މިނިޓުގައެވެ. މެޗުގެ ހަމައެކަނި ލަނޑު އމެރިކާ އަށް ޖަހައިދިނީ ޗެލްސީގެ މިޑްފީލްޑަރު ކްރިސްޓިއަން ޕުލިސިޗް އެވެ.