މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރަށް މިހާރުގެ ކައުންސިލުން ހަވާލުވީފަހުން މާލޭގެ މަގުތަކުގައި ހަލާކުވެފައި ހުރި 300 އަށް ވުރެ ގިނަ ކާނު ބަދަލުކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރަށް 18 މަސް ވެފައި ވާއިރު ކުރެވިފައިވާ މުހިންމު މަސައްކަތްތަކުގެ ތަފާސް ހިސާބުތައް ދަނީ ހިއްސާ ކުރެވެމުންނެވެ. އެގޮތުން ފާއިތުވި 18 މަސްދުވަހުގެ ތެރޭގައި ބަދަލުކުރެވިފައިވާ ކާނުތަކުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް މާލޭގެ އެކި މަގުތަކުން މިހާތަނަށް 300 އަށްވުރެ ގިނަ ކާނު ވަނީ ބަދަލުކުރެވިފަ އެވެ.

މާލެ ސިޓީ ކައުންސިލުން 2021 ވަނަ އަހަރުގެ މޭ މަހުން ފެށިގެން މިދިޔަ އަހަރުގެ ޑިސެންބަރު މަހާއި ހަމައަށް 80 މަގަކުން 160 ހަލާކުވެފައި ހުރި ކާނު ވަނީ ބަދަލު ކޮށްފަ އެވެ.

މި އަހަރު ފެށިގެން އައިއިރު ވެސް ހަލާކުވެފައި ހުރި ކާނުތައް ބަދަލު ކުރުމުގެ މަސައްކަތް ދިޔައީ ކުރިއަށެވެ. 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 2022 ވަނަ އަހަރުގެ ނޮވެންބަރު މަހާއި ހަމައަށް 119 މަގަކުން ހަލާކުވެފައިވާ 220 ކާނު ވަނީ ބަދަލުކޮށްފަ އެވެ.

އެހެން ކަމުން މާލެ ސިޓީ ކައުންސިލުގެ 18 މަސް ދުވަސް ވީއިރު އެކު ޖުމްލަ 199 މަގަކުން ހަލާކުވެފައިވާ 380 ކާނު ވަނީ ބަދަލުކޮށްފަ އެވެ.

ކާނުތައް ބަދަލުކުރުމުގެ މަސައްކަތާއި ގުޅިގެން މާލެ ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާއި ހަވާލުވެހުންނެވި މެދު ހެންވޭރު ދާއިރާގެ ކައުންސިލަރ އާދަމް ރަމީޒް ވިދާޅުވީ ބަޖެޓްގެ ދަތިކަމާއެކު ވެސް މާލެސިޓީ ކައުންސިލުން އަންނަނީ މާލެސިޓީގެ މަގުތަކުގައި ހަލާކުވެފައިހުރި ކާނުތަކުގެ މަތިގަނޑުތައް ބަދަލުކުރަމުން ކަމަށެވެ.

މާލޭގެ މަގުތަކުގައި ހަލާކުވެފައިހުންނަ ކާނުތައް ބަދަލުކުރުމުގެ މަސައްކަތަކީ ކައުންސިލްގެ އާންމު ހިދުމަތްތަކާއިބެހޭ ބައިން އަބަދުވެސް ކުރަމުން އަންނަ މަސައްކަތެއްކަން ފާހަގަކޮށްލެވެ އެވެ.