ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ގުޅުން އޮންނަ ފަރާތުން ފޮނުވި ފަރީއްކޮޅަކާ ހަވާލުވި ކަމަށް ކުރެވޭ ތުހުމަތު ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ދޮގު ކުރައްވައިފި އެވެ.

ޔާމީންގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އެ ފަރީއްކުޅާ ހަވާލުވި ކަމަށް ބުނެ ހުށަހެޅި މައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލުމަށް އިއްޔެ ނިންމިކަން ޖޭއެސްސީން މިއަދު ވަނީ ހާމަކޮށްފަ އެވެ.

އެކަމާ ގުޅިގެން ޓުވިޓާގައި ފަނޑިޔާރު މަހާޒް އާންމު ކުރެއްވި ބަޔާނެއްގައި ވަނީ އެ މައްސަލަ އާންމުކޮށް ހުޅުވާލައިގެން އިންސާފުން ކުރިއަށްގެންގޮސްދިނުމަށް އެދިވަޑައިގެންފަ އެވެ.

މަހާޒް ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތް ދިގުލައިގެން ދާތީ މައްސަލަ އޮންނަ ކޮންމެ ދުވަހަކު މައްސަލަ ބަލާ ބެންޗުގެ ފަނޑިޔާރެއް އަނެއް ދެ ފަނޑިޔާރުންނާ އެކު މެންދުރު ކާނެ އެއްޗެއް އަމިއްލަ ޚަރަދުގައި ގެންނަ ކަމަށެވެ.

އެގޮތުން ދައުރުވަމުން އައިސް މިދިޔަ އަހަރުގެ ނޮވެމްބަރު 30 ވަނަ ދުވަހު ތަނަކަށް އޯޑަރުކޮށްގެން ކާއެއްޗެއް ގެނައީ އޭނާ ކަމަށް މަހާޒް ވިދާޅުވި އެވެ.

"ރިސެސްގެ ކުރިން ހުރިހާ ފަނޑިޔާރުންނާ އެންމެފަހުން އެއްތަނަކުން ދިމާވާނެ ފަހު މަސައްކަތު ދުވަސް ކަމުގައި ވާތީ ހުރިހާ ފަނޑިޔާރުންނަށް އަމިއްލަ ޚަރަދުގައި މެންދުރު ކެއުން ދިނިން. ކެއިއިރު ކާތަކެތި ގެނައީ ކޮންތަނަކުން ކަން ވެސް ހުރިހާ ފަނޑިޔާރުންނަށް އެނގޭނެ. ހުރިހާ ފަނޑިޔާރުން ވެސް ކެއި. މީރު ވާހަކަ ވެސް ބުނި،" މަހާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކެއުމުގެ އިންތިޒާމް ހިމެނޭހެން މާދަމާ ޝަރީއަތް އޮންނަ ނަމަ މިރޭ މާދަމާގެ ހުރިހާ ކަމެއް އޮންނާނީ ދުރާލައި ނިމިފައި ކަމަށާއި އެއީ ސިއްރުން ކުރި ކަމެއް ނޫން ކަމަށެވެ.

"ކާއެއްޗިހި ގެނައީ އަމިއްލައަށް ޚަރަދުކޮށްފައި. ފައިސާ ދެއްކި ސްލިޕް ވެސް އެބައޮތް. ހިލޭ ނުވަތަ ނު އަގުގައި އެއްޗެއް ގެނައީ އެއްވެސް ނޫން،" މަހާޒް ވިދާޅުވި އެވެ.