މަޖީދީމަގާއި ސޯސަންމަގާ ގުޅޭ ކަންމަތީގައި ހުންނަ އިބްރާހިމް މިސްކިތުގައި އިމާމްވެ ނަމާދު ކުރާއިރު މައިކް ބޭނުން ނުކުރާކަމުގެ ޝަކުވާ އެ މިސްކިތަށް ނަމާދަށްދާ ބައެއް މީހުން ކުރަން ފަށައިފިއެވެ.

އެ މިސްކިތަށް ނަމާދަށްދާ މީހުންގެ ކަންބޮޑުވުންތައް ގައުމުގެ ސަމާލުކަމަށް ގެނެސްދެއްވީ މަޝްހޫރު ކުޑަކުދިންގެ ޑޮކްޓަރު ޑރ. އަހުމަދު ފައިސަލެވެ.

ޑރ. ފައިސަލް ކުރެއްވި ޓްވީޓެއްގައި ވަނީ އިބްރާހިމް މިސްކިތުގެ އިމާމް އިސްލާމިކް މިނިސްޓްރީއަށް ހާޒިރުކޮށް ނަމާދުކުރާއިރު ބޭރަށް އިވޭގޮތަށް މައިކު ބޭނުންނުކުރަން އެންގީ ކީއްވެތޯ ސުވާލު ކުރައްވާފަ އެވެ.

ޑރ. ފައިސަލް ވިދާޅުވީ އެ މިސްކިތުގައި ވަކިން އެތެރެއަށް އަޑުއިވޭގޮތަށް ހެދޭކަށް ނުހުންނަ ކަމަށެވެ. އަދި ފަންކާތަކުގެ އަޑާހެދި އިމާމު ސަޖިދައިން ތެދުވިތޯ ބަލަން ބޯހިއްލާލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަކިއެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް އަދާލަތު ޕާޓީއަށް ތާއީދުކުރާ ދީނީ އިލްމުވެރިޔާ އަލީ ޒަައިދު ވިދާޅުވެފައި ވަނީ އިސްލާމިކް މިނިސްޓްރީން މިސްކިތެއްގެ އެތެރޭގެ ސައުންޑް ކަނޑާލަން ނާންގާނެ ކަމަށެވެ.

"ނަމަވެސް ނަމާދުކުރާއިރު ހަގީގަތުގައި މުންނާރު ޖައްސާކަށް ނުޖެހޭނެ. މުންނާރު ޖައްސަންވާނީ ބަންގި ގޮވާއިރު އެކަނި. އުސައިމީން ރަހިމަހުﷲ މެން ފަދަ ބޮޑެތި ޢާލިމުން ވެސް އެބަހުރި އެގޮތަށް އެ ވާހަކަ ބަޔާންކުރައްވާފައި،" ޒައިދު ވިދާޅުވެފައިވެ އެވެ.

އޭނާ އެގޮތަށް ވިދާޅުވިޔަސް ރާއްޖޭގެ އެއްވެސް މިސްކިތެއްގައި ނަމާދުކުރާއިރު މައިކުގެ އަޑު ކަނޑައެއްނުލަ އެވެ.

އޭނާ އެހެން ވިދާޅުވުމުން ގިނަ ބަޔަކު ދަނީ ޒައިދަށް ފާޑު ކިޔަމުންނެވެ.

އިސްލާމިކް މިނިސްޓްރީން ބައެއް ކަންތައްތައް ކުރާގޮތާ މެދު އާންމުންގެ ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ. އެގޮތުން މިދިޔަ އަހަރު ފިތުރު ޒަކާތް ދިންގޮތާ ގުޅޭގޮތުން އާންމުންގެ ނުރުހުން އެ މިނިސްޓްރީއަށް އަމާޒުވި އެވެ.