ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރަށް ފަރިއްކޮޅެއް ދިން ފަރާތާ މެދު ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުރި ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.

ޖޭއެސްސީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު ޢަލީ ޒާހިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ދެއްވި ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގަތް ކަމަށް ބުނާ މައްސަލައިގައި، ފަނޑިޔާރު މަސައްކަތްކުރައްވާ ސެކްޝަންގެ ބައެއް މުވައްޒަފުން ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކުރި ކުރުމުން ފަރިއްކޮޅު ފޮނުއްވި ފަރާތާމެދު ސުވާލު އުފެދޭ ކަންތައްތަކެއް ހުރިކަން ފާހަގަވެފައިވާ ކަމަށް ކަމަށެވެ.

މަހާޒު ނެރުއްވި ބަޔާނާ ގުޅިގެން ޖޭއެސްސީއިން ބުނީ، އެއީ ކަމުގެ ހަގީގަތް އޮޅޭފަދަ ގޮތަކަށް އޭނާ އާންމު ކުރެއްވި ބަޔާނެއް ކަމަށެވެ.

މަހާޒާ ގުޅޭގޮތުން އެ ކޮމިޝަނަށް ޝަކުވާ ހުށަހެޅީ އޭނާ ބެންޗުގައި ހިމެނޭ ގޮތުން ސުޕްރީމް ކޯޓުން ބެލި މައްސަލައެއްގައި ވަކި ގޮތަކަށް ހުކުމް ކުރުމުން އެ ކަމުގެ އުފަލުގައި އެ މައްސަލައިގައި ހިމެނޭ ޚަސްމެއްގެ ސަޕޯޓަރަކު ފޮނުވި ޖާފަތަކާ ހަވާލުވެ، ފަރީއްކުޅުވައި އެ އުފަލުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް ތުހުމަތުކޮށެވެ.

މި ޝަކުވާއާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ޖޭއެސްސީއިން ތަކުރާރުކޮށް ސުޕްރީމް ކޯޓަށް ސިޓީ ފޮނުވުމުން އެ ދުވަހުގެ ފަރީއްކޮޅެއް އޮތްކަމަށް ވިދާޅުވުން ފިޔަވައި، އެ ފަރީއްކޮޅާ ގުޅޭ މައުލޫމާތު ސާފުކޮށްދެއްވުމަށް މަހާޒު ތަކުރާރުކޮށް އިއުތިރާޒުކުރެއްވި ކަމަށް ޖޭއެސްސީއިން ބުންޏެވެ. އަދި ފަރީއްކޮޅު އިންތިޒާމުވި ގޮތާއި އެކަމަށް ޚަރަދުކުރި ގޮތުގެ ތަފުސީލު ހޯދުމަށް ޖޭއެސްސީއިން ކުރި މަސައްކަތަށް މަހާޒު ގަސްތުގައި އިޖާބަދެއްވާފައި ނުވާކަމަށް އެ ބަޔާނުގައިވެ އެވެ.

އޭރު މަހާޒު އެ މައުލޫމާތު ހާމަނުކުރެއްވީ އެވަގުތު އެމައުލޫމާތާއި ލިޔެކިޔުން އޭނާގެ އަތްޕުޅުގައި އޮވެމެކަން ނުވަތަ ނޫންކަން އިތުރަށް ސާފުވާނީ ކޮމިޝަނުން ކުރިއަށް ގެންދާ ތަހުގީގު ނިމުމުން ކަމަށް އެ ބަޔާނުގައިވެ އެވެ.

ޖޭއެސްސީއިން އިތުރަށް ބުނީ އެ މައްސަލައިގައި، މަހާޒު މަސައްކަތްކުރައްވާ ސެކްޝަންގެ ބައެއް މުވައްޒަފުން ކޮމިޝަނަށް ހާޒިރުކޮށް އެ ފަރީއްކޮޅާ ގުޅޭ މައުލޫމާތު ސާފުކުރި ކަމަށެވެ. އެގޮތުން ލިބުނު މައުލޫމާތުން މި ފަރީއްކޮޅާ މެދު ޝަކުވާގައި ފާހަގަކޮށްފައިވާ ކަންކަމަށް ބާރުދޭ ބައެއް ކަންކަން ހާމަވެފައިވާކަމަށް އެ ކޮމިޝަނުގެ ބަޔާނުގައިވެ އެވެ.

އެހެންކަމުން އެފަދަ ތުހުމަތުތަކުގެ ހަގީގަތް ހޯދުމަކީ ހުރިހާ ގޮތަކުން ވެސް ބޭނުންތެރި ކަމެއްކަމަށް ފެންނާތީ މި މައްސަލަ ތަހުގީގުކުރަން ނިންމީ ކަމަށް ޖޭއެސްސީއިން ބުންޏެވެ.

ޖޭއެސްސީން ބުނީ ކުރިން ބުނި މައުލޫމާތު ސާފުކުރި މަރުހަލާގައި މަހާޒަށް ޝަކުވާއާ ގުޅުންހުރި މައުލޫމާތު ހާމަ ކުރުމުގެ ފުރުސަތު ދިން ކަމަށާއި ނަމަވެސް އެ މައުލޫމާތު ކޮމިޝަނަށް އެއްވެސް މިންވަރަކަށް ހާމަކޮށްފައިނުވާ ކަމަށެވެ. އަދި އެޝަކުވާއާ ގުޅިގެން އޭނާގެ ބަސް އިއްވަވައި ލިޔެކިޔުން ހިއްސާކުރައްވަން އިޚްތިޔާރުކުރައްވާފައި ވަނީ މީޑިއާ މެދުވެރިކޮށްކަން ޖޭއެސްސީން ވަނީ ފާހަގަކޮށްފަ އެވެ.

ޖޭއެސްސީއިން ބުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ މުޅި ޖުޑިޝަރީ ނަމޫނާއަކަށް ބަލާ ބޭފުޅުންކަމަށްވީއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ އެންމެ މަތީ ދަރަޖައިގެ އަޚްލާގީ މިންގަނޑު ނަގަހައްޓައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ދަމަހައްޓަވަންވާނެ ބައެއް ކަމަށެވެ. އަދި އެ ކޮމިޝަނަށް ހުށަހަޅާ ޝަކުވާތަކާ ގުޅިގެން ގޮތް ނިންމަމުން ދަނީ ކޮންމެ ދަރަޖައެއް ނުވަތަ ގިންތިއެއްގެ ފަނޑިޔާރެއްކަމުގައި ވިޔަސް އެއް ހަމަ އުސޫލަކުން ތަފާތުކުރުމެއް ނެތި ކަމަށް ވެސް ޖޭއެސްސީގެ ބަޔާނުގައިވެ އެވެ.

ޖޭއެސްސީ މިހާރު އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް އެ ބަދަލު ގެނައުމަށް އަދި މި ސަރުކާރުން ފިޔަވަޅެއް އަޅާފައިނުވެ އެވެ.