ކީވް (03 ޑިސެމްބަރު) - ޖަނަވާރުގެ ލެއާއެކު އާދަޔާ ޚިލާފު ޕެކޭޖުތަކެއް ބޭރު ގައުމުތަކުގައި ހުންނަ ޔޫކްރެއިންގެ އެމްބަސީތަކަށް ލިބެމުން އަންނަ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އެގޮތުން މިހާތަނަށް ހަންގޭރީ، ނެދަލޭންޑްސް، ޕޮލެންޑް، ކްރޮއޭޝިއާ އަދި އިޓަލީގައި ހުންނަ ޔޫކްރެއިންގެ އެމްބަސީތަކަށް މިފަދަ ޕެކޭޖުތަކެއް ލިބިފައިވެ އެވެ.

މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ ނުބައި ވަސް ދުވާ ލޭ ކުލައިގެ ފެނަށް އަޅާފައި ފޮނުވާ އެ ޕެކޭޖުތަކުގައި ޖަނަވާރު ލޭގެ އިތުރުން ޖަނަވާރުންގެ ގުނަވަންތައް ވެސް ހުންނަ ކަމަށެވެ.

މި ޕެކޭޖުތަކުން ދުޝްމަނުން ދޭން ބޭނުންވާ މެސެޖެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ހުރިހާ އެމްބަސީތަކެއްގެ ވެސް ސެކިއުރިޓީ ވަރުގަދަކޮށް ހައި އެލާޓަށް ގެނެސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ޕެކޭޖުތައް ލިބެން ފަށާފައި މިވަނީ ސްޕެއިންގެ މެޑްރިޑްގައި ހުންނަ ޔޫކްރެއިން އެމްބަސީއަށް ފޮނުވި ސިޓީއެއްގައި އޮތް ބޮމެއް ގޮވައި ގެއްލުންތަކެއް ލިބިފައިވާ ދަނޑިވަޅެއްގަ އެވެ.

ބޮން ހަރުކޮށްފައިވާާ ކަމަށް ޝައްކު ކުރެވޭ ސިޓީއުރަތަކެއް އެހެން އެމްބަސީތަކަކަށް ވެސް ލިބިފައިވުމާއެކު ގައުމުތަކުން އަންނަނީ އެމްބަސީތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރަމުންނެވެ. -- އަލް އަރަބިއްޔާ