ތެހްރާން (03 ޑިސެމްބަރު) އީރާނުގައި މިހާރު ކުރިއަށްދާ މުޒާހަރާތަކުގެ ބައިވެރިންނަށް މަރުގެ އަދަބު ލިބިގެން ނުވާނެ ކަމަށް އެގައުމުގައި ދީނީ ފަތުވާ ނެރުއްވާ އިލްމުވެރިއެއް ކަމަށް މައުލަވީ އަބްދުލްހާމިދު ވިދާޅުވެއްޖެ އެވެ.
ޝީއީންގެ މެޖޯރިޓީ އޮންނަ އީރާނުގައި ދީނީ ނަސޭހަތް ދެއްވާ ސުންނީ މަޛްހަބުގެ އަބްދުލްހާމިދު ވިދާޅުވީ މިހާރު ކުރިއަށްދާ ހަމަނުޖެހުންތަކުގައި ދީނުގެ ނަމުގައި މަރުގެ އަދަބު ދިނުމަކީ ރަނގަޅު ގޮތް ނޫން ކަމަށެވެ.
އޭނާ މިހެން ވިދާޅުވެފައި މިވަނީ މުޒާހަރާގެ ބައިވެރިންތަކެއް މަރާލާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވީޑިއޯތަކެއް ދައުރުވަމުންދާ ދަނޑިވަޅެއްގަ އެވެ.
އޭނާ ވިދާޅުވީ މަގުމައްޗަށް ނުކުމެ ހަޅޭއްލެވުމާއި ގާ އުކުން ފަދަ ކަންކަމަކީ އިސްލާމް ދީނުގައި މަރުގެ އަދަބު ކަނޑައެޅިގެންވާ ކަންކަން ނޫން ކަމަށެވެ. ގުރުއާނުގައި މަރުގެ އަދަބު ދޭން އޮންނަނީ ބަރު ހަތިޔާރު ފަދަ ތަކެތި ބޭނުން ކޮށްގެން އިންސާނުންގެ ފުރާނައަށް ގެއްލުން ދޭން މަސައްކަތް ކުރާނަމަ އެކަނި ކަމަށް ވެސް އަބުދުލްހާމިދު ވިދާޅުވި އެވެ.
އީރާނުގައި ކުރިއަށްދާ ހަމަނުޖެހުންތައް ތިންވަނަ މަހަށް ކުރިމަތިލާފައިވާއިރު ސަލާމަތީ ބާރުތަކުން އަންނަނީ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ބާރުގެ ބޭނުން ކުރަމުންނެވެ.
އީރާނުގައި މުޒާހަރާތައް ފެށުނީ ހެދުން އެޅުމުގެ އަދަބުތަކާ ހިލާފްވި ކަމަށް ބުނެ ފުލުހުން ހައްޔަރުކުރި މަހްސާ އަމީނީ ހައްޔަރުގައި ހުއްޓާ މަރުވުމުންނެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އޭނާ މަރުވީ ފުލުހުުން ދިން އަނިޔާތަކުގެ ސަބަބުންނެވެ. -- އަލް އަރަބިއްޔާ