ބޮލީވުޑްގެ އެންމެ މަގުބޫލު އޮން ސްކްރީން ޖޯޑު ކަމަށްވާ ޝާހްރުކް ޚާނާއި ކާޖޮލް މިވަނީ ސައުދީ އަރަބިއްޔާގެ ޖިއްދާގައި ކުރިއަށްދާ ރެޑް ސީ ފިލްމު ފެސްޓިވަލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެފަ އެވެ.

މި ފިލްމު ފެސްޓިވަލް ހުޅުވުމުގެ ގޮތުން ފުރަތަމަ ދައްކާފައި ވަނީ ބޮލީވުޑްގެ މަޝްހޫރު ފިލްމު "ދިލްވާލޭ ދުލްހަނިޔާ ލޭޖާނއެނގޭ" އެވެ.

ގިނަ ދުވަސްތަކަކަށް ފަހު ކާޖޮލް އާއި ޝާހު އެކުގައި ފޭނުންގެ ކުރިމައްޗަށް ނުކުމެ، އެމީހުންގެ މަޝްހޫރު ފިލްމުގެ މަޝްހޫރު ޑައިލޮގްތައް ހުށަހަޅައިދީފައިވެ އެވެ. ޝާހު ވަނީ ފިލްމުގެ މަޝްހޫރު ލަވަ "ތުޖެ ދޭކާ ތޯ ޔެ ޖާނާ ސަނަމް" ވެސް ފޭނުންނަށް ކިޔައިދީފަ އެވެ.

ޝާހްރުކް އާއި ކަޖޮލްގެ އިތުރުން ރެޑް ސީ ފިލްމް ފެސްޓިވަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވި އެހެން ފަންނާނުންގެ ތެރޭގައި ވެސް އާރް ރަހްމާން އާއި ޕްރިޔަންކާ ޗޯޕްރާ ހިމެނެ އެވެ.

"ދިލްވާލޭ ދުލްހަނިޔާ ލޭޖާނއެނގޭ" އަކީ އެ ޝާހު އާއި ކާޖޮލްގެ ފިލްމުތަކުގެ ތެރެއިން އަދިވެސް އެންމެ މަގުބޫލު ފިލްމެވެ.

https://www.youtube.com/watch?v=v6KRJUh9zxE

މި ފިލްމަކީ ރިލީޒްކުރި ފަހުން އިންޑިއާގެ ސިނަމާއެއްގައި މެދުކެނޑުމެއް ނެތި އެންމެ ގިނަ އަހަރު ވަންދެން ދެއްކި ފިލްމު ވެސް މެ އެވެ. އެގޮތުން އޮކްޓޯބަރު 20، 1995 ގައި ރިލީޒްކުރި ފިލްމަކީ މުމްބާއީގެ މަރާޓާ މަންދިރު ސިނަމާގައި މެދުކެނޑުމެއް ނެތި 22 ވަރަކަށް އަހަރު ވަންދެން ދެއްކި ފިލްމެކެވެ. އަދި މިފިލްމަކީ 1995 ވަނަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި ބޮލީވުޑް ފިލްމެވެ.

ޝާހުގެ 57 ވަނަ އުފަންދުވަހާ ދިމާކޮށް މި އަހަރު ޔަޝްރާޖު ފިލްމްސް އިން ވަނީ އެ ފިލްމުގެ ހާއްސަ ސްކްރީނިންއެއް ވެސް ބާއްވައިފަ އެވެ.

ދިހަ ދުވަހަށް ކުރިއަށްގެންދާ ރެޑް ސީ ފިލްމު ފެސްޓިވަލުގައި އެކި ގައުމުތަކުގެ ފިލްމުތައް ސްކްރީންކުރާއިރު ފިލްމު ފެސްޓިވަލް ނިންމާލުމުގެ ހަފްލާގައި ރިތިކް ރޯޝަން އާއި އަކްޝޭ ކުމާރުގެ އިތުރުން ރަންބީރު ކަޕޫރު ބައިވެރިވާނެ އެވެ.