ކާތިކް އާރްޔަން އަކީ މިވަގުތު ބޮލީވުޑްގައި ހުރި އެންމެ މަގުބޫލު އެކްޓަރު އެވެ. މިއަހަރު ކާތިކްގެ ނިކުން ފިލްމުތައް ވަނީ ބޮލީވުޑްގައި ބޮޑު ކާމިޔާބީ އެއް ހޯދާފަ އެވެ.
މިއަހަރު ރިލީޒް ކުރި ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު ފިލްމަކީ އޭނާގެ “ބޫލް ބުލައިޔާ 2” އެވެ. މިހާރު އޯޓީޓީގައި ރިލީޒްކޮށްފައިވާ “ފްރެޑީ” ވެސް ދަނީ ހަމަ އެހާ ބޮޑު ކާމިޔާބެއް ހޯދަމުންނެވެ. މި ފިލްމު އޯޓީޓީ ޕްލެޓްފޯމްގައި ރިލީޒްކޮށްފައިވަނީ މީގެ ދެތިން ދުވަސް ކުރިންނެވެ. ކާތިކް އަށް ފިލްމުގައި އޭނާގެ އެކްޓިން އަށް ވަރަށް ބޮޑު ތައުރީފެއް ލިބެމުން އަންނަ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
އެކްޓަރު ހުރީ ކުރިއަށް އޮތް ޕްރޮޖެކްޓްތަކުގައި ފުދޭވަރަކަށް ބިޒީވެފަ އެވެ. އޭނާއަށް ދެން ކުރިއަށް އޮތީ ޝެހްޒާދާ އެވެ. އަލްލޫ އަރްޖުން ލީޑް ރޯލުން ފެނިގެންދާ ފިލްމު އަލާ ވައިކުންތަޕޫރަމުލޫގެ ރީމޭކެކެވެ.
ސައުތު ފިލްމެއްގެ ހިންދީ އެޑެޕްޓޭޝަނެއްގައި ކުޅެފައިވާ ކާރްތިކް އާރިޔަން މިހާރު ވަނީ ސައުތު ފިލްމެއްގައި މަސައްކަތް ކުރަން ބޭނުންވާކަން ހާމަކޮށްފަ އެވެ.
އިންޑިއާގެ ނިއުސް 18 އަށް ދިން އިންޓަވިއުއެއްގައި ކާތިކް ބުނީ ކޮންމެ ބަހެއްގެ ފިލްމު ކުޅެން ވެސް ހުރީ ތައްޔާރަށް ކަމަށެވެ. އެކަމަކު މިވަގުތު އެންމެ ބޭނުންވަނީ ތަމަޅަ ނުވަތަ ޓެލުގޫ ފިލްމެއް ކަމަށް ކާތިކް ބުންޏެވެ.
ކާތިކް އިތުރަށް ބުނީ އެ ފިލްމު ވާން ޖެހޭނީ ރަނގަޅު ސްކްރިޕްޓެއްގެ ފިލްމަކަށް ކަމަށާއި ބޮލީވުޑެކޭ އެއްގޮތަށް އެ ބަސްބަހުގެ ފިލްމުތަކަށްވެސް އޭނާގެ އެންމެ ބެސްޓު ދޭނެ ކަމަށެވެ. އެފަދަ ހުށަހެޅުމެއް ލިބިފައިވާ ކަމަކަށް ނުބުނެ އެވެ.
ކްރިތީ ސަނޯން އާއި އެކު ކާތިކް ލީޑް ރޯލުން ފެނިގެންދާ "ޝެހްޒާދާ" ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު އެވެ.
ކިއާރާ އަދުވާނީ އާއި އެކު ކާތިކް ފެނިގެންދާނީ "ސަތިޔަޕްރޭމް ކީ ކަތާ" އިންނެވެ. މި ދެމީހުން އަލުން ގުޅިގެން އުޅެނީ އެމީހުންގެ ބްލޮކްބަސްޓާ ފިލްމު ބޫލް ބުލާޔާ 2 ގެ ކާމިޔާބީއާ ގުޅިގެންނެވެ.