މާލެ ސިޓީ ކައުންސިލްގެ "އެއްލައްކަ ގަސް" ޕްރޮގްރާމަށް ހައްދާ ގަސްތައް ބެހެއްޓުމަށް ކާނިވާ ސަރަހައްދުގައި ގާއިމް ކުރި ނާސަރީ އައުޓްލެޓް "މާލެ ފެހި" އާންމުންނަށް ހުޅުވާލުމާއެކު، ގަސް ހެއްދުމަށް ޝައުގުވެރިވާ ފަރާތްތަކުގެ އިތުރުން އަތޮޅު ތެރޭގެ ދަނޑުވެރިންގެ ބޮޑު ތަރުހީބެއް ލިބެން ފަށައިފި އެވެ.

ކައުންސިލްގެ ޓީމުން އަތޮޅު ތެރޭގެ ދަނޑުވެރިންއަތުން ގަސްތައް ގަންނަނީ އެކަމަށްޓަކައި ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުންކަން ފާހަގަކޮށްލެވެ އެވެ.

މާލެ ސިޓީ ކައުންސިލްގެ ގަސް ކޮމެޓީ އިން އަތޮޅުތަކަށް ކުރައްވަމުންދާ ދަތުރުތަކުގައި "މާލެ ފެހި" އައުޓްލެޓަށް ބޭނުންވާ ގަސްތައް އަތޮޅުތެރޭގެ ދަނޑުވެރިން އަތުން ގަތުމަކީ ގަސްހައްދާ ފަރާތްތަކަށް ލިބިގެންދާ ހިތްވަރެއް ކަމަށާއި، މިއީ މާލެ ސިޓީ ކައުންސިލުން ކުރިއަށްގެންދާ ވަރަށް މުހިންމު ޕްރޮގްރާމެއްގެ ގޮތުގައި ދަނޑުވެރިން ސިފަކުރެއްވި އެވެ.

"މާލެ ފެހި" އައުޓްލެޓް.

ކައުންސިލްގެ ގަސް ޕްރޮގްރާމަށް ލިބެމުންދާ ތަރުޙީބާއި ގުޅޭގޮތުން ގަސްކޮމެޓީގެ މުގައްރިރު މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނާސިރު ވިދާޅުވީ މިއަހަރުގެ ޖެނުއަރީ ފުރަތަމަ ދުވަހު މި ޕްރޮގްރާމް ފެށިއިރު ވެސް މޭޔަރު މުއިއްޒު އާއި ކައުންސިލްގެ ވިސްނުމަކީ އަތޮޅުތެރޭގެ ރަށްތަކަށް ޒިޔާރަތްކޮށް އެ މީހުންނަށް ވެސް މަންފާވާ ގޮތަށް މިކަން ކުރިއަށްގެންދިއުން ކަމަށެވެ.

"އެކި ލެވެލްގަ ގަސް ހައްދާ މީހުން ރަށްރަށުގަ އެބަތިބި، ވިޔަފާރި އުސޫލުން ވަރަށްފުޅާ ދާއިރާއެއްގަ މަސައްކަތްކުރާ މީހުން އެބަ ތިބި. އެކަމަކު ގިނަ ބަޔަކުމިތިބެނީ އެގަސްތައް ވިއްކޭނެގޮތެއް، މާކެޓް ކުރެވޭނެ ގޮތެއް ނެތިފަ. އެހެންވީމަ އަޅުގަނޑުމެން ފަށައިގަތްއިރުވެސް މިގޮތަށް ރޭވީ،" ނަސިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ "މާލެ ފެހި" ޑިޒައިން ކުރެވިފައި ވަނީ ގަސް ގަންނަ ސެންޓަރެއްގެ ގޮތުގައި ގޮތުގައި ކަމަށާއި، މާލެ ސިޓީ ކައުންސިލްގެ ގަސް ކޮމެޓީއިން އަތޮޅުތެރޭގެ ރަށްރަށުގަ ގަސްހައްދާ ފަރާތްތަކުގެ އަތުން ބަލްކްކޮށް ގަސްތައް ގަންނަ ކަމަށެވެ. މިއާއެކު ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އަދި ބަގީޗާ ގަސްތައް ހައްދާ ފަރާތްތަކަށް ވެސް ވަރަށްބޮޑު އުފަލަކަށް މިކަން ވެގެންދިޔަ ކަމަށާއި، ދަނޑުވެރިންގެ ވަރަށް ބޮޑު ތައުރީފެއް މިކަމަށް ލިބި، ދަނޑުވެރިން ތިބީ އުފަލުން ކަމުގައި ނާސިރު ވިދާޅުވި އެވެ.

މިއަހަރުގެ ޖެނުއަރީ ފުރަތަމަ ދުވަހު ފެށިގެންދިޔަ މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ހިޔާލިބޭ ބޮޑެތި ގަސްތައް ވަނީ މާލޭގެ ބޮޑެތި މަގުތަކުގައި އިންދާފަ އެވެ. މިއާއިއެކު މާލެ ވަށައިގެން ކަދުރު ރުއްތައް އިންދުމުގެ މަސައްކަތް 24 މެއިގައި ފެށިފައިވާއިރު މި ޕްރޮގްރާމްގެ ދަށުން 200 ކަދުރުރުއް އިންދުމަށް ވަނީ ހަމަޖެހިފަ އެވެ.

މާލެ ސިޓީ ކައުންސިލްގެ ފަރާތުން ކުރިއަށް ގެންދާ އެއްލައްކަ ގަސް ޕްރޮގްރާމަކީ ކުރިއަށް އޮތް 5 އަހަރަށް އެކުލަވާލައިފައިވާ މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ގައިވާ ގަސް އިންދާ ހައްދާނެ ގޮތުގެ ޕްލޭން ކަމާއިބެހޭ ފަންނީ ފަރާތްތަކުގެ ލަފައާއި މާލެ ސިޓީގެ ރައްޔިތުންގެ ބައިވެރިވުމާއި އެއްގޮތަށް އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށްދާ މަޝްރޫއެކެވެ.