އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް އާރިއާނާ ގްރާންޑޭ، މިހާރު ކުރިއަށްދާ އޭނާގެ "އެޓާނަލް ސަންޝައިން" ވޯލްޑް ޓުއާ ނިންމާލުމަށްފަހު އާންމުންގެ ސަމާލުކަމާއި މީޑިއާގެ ލޮލުން+ ދުރަށްޖެހިލަން ނިންމައިފިއެވެ.

އުމުރުން 33 އަހަރުގެ ގްރެމީ އެވޯޑް ހާސިލް ކޮށްފައިވާ ސުޕަސްޓާރުގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސެޕްޓެމްބަރު 1 ގައި ނިމޭ މި ޓުއާއަށްފަހު އެރިއާނާ އާންމު ހަރަކާތްތަކުންނާއި މީޑިއާގެ ފްރަންޓްލައިން މަސައްކަތްތަކުން ބްރޭކެއް ނަގާނެ ކަމަށެވެ.

މިއީ ސޯޝަލް މީޑިއާއާއި އާންމުންގެ ފަރާތުން އޭނާގެ ސިއްހަތާއި، ސިފައާއި، އަދި އަމިއްލަ ދިރިއުޅުމަށް އަމާޒުވަމުންދާ މެދުކެނޑުމެއްނެތް ފާޑުކިޔުންތަކާއި ފާރަލުންތަކުން ސަލާމަތްވެ، އޭނާގެ ނަފްސާނީ ސިއްހަތަށް އިސްކަންދިނުމުގެ ގޮތުން ނިންމި ނިންމުމެކެވެ.

މި ނިންމުމާއެކު އެރިއާނާ ވަނީ އަންނަ އަހަރު ލަންޑަންގެ ވެސްޓް އެންޑްގައި ކުޅެން ހަމަޖެހިފައިވި "ސަންޑޭ އިން ދަ ޕާކް ވިތު ޖޯޖް" ތިއޭޓަޝޯއިން ވެސް ވަކިވެފަ އެވެ.

މިކަމާ ގުޅިގެން އެރިއާނާ އަމިއްލައަށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކަމުން ބުނެފައިވަނީ މިއީ ކުރިންސުރެ ރޭވިފައިވާ، އަދި އަމިއްލަ ނަފްސުގެ ރައްކާތެރިކަމަށްޓަކައި "އިމެއް ކަނޑައެޅުމުގެ" ގޮތުން ނަގާ ބްރޭކެއް ކަމަށެވެ.

މި ބްރޭކަކީ ފޭނުންނާ އޮތް ގުޅުން ކެނޑުމެއް ނޫންކަމަށާއި، މިހާރު ކުރިއަށްދާ ޓުއާއަކީ އޭނާގެ ހަޔާތުގައި ތަޖުރިބާ ކުރެވުނު އެންމެ އުފާވެރި އެއް ތަޖުރިބާ ކަމަށް އޭނާ ބުންޏެވެ.

"އިންސާނުންނަށް ބްރޭކް ބޭނުންވާނެ. ބޭރުން އިވޭ އަޑުތަކަކީ އަހަރެންގެ ހަގީގަތެއް ނޫން. އަހަރެން ފޭނުންދެކެ އިންތިހާއަށް ލޯބިވޭ،" އެރިއާނާ ބުނެފައި ވެއެވެ.

އެރިއާނާގެ 8 ވަނަ އެލްބަމް "ޕެޓަލް" ނެރުމާއެކު އޭނާގެ ހަށިގަނޑު ހިކިފައިވާ މިންވަރާމެދު ސޯޝަލް މީޑިއާގައި ބޮޑެތި ބަހުސްތަކެއް ހިނގަމުންދިޔަ ދަނޑިވަޅެއްގައި، އޭނާ މީގެ ކުރިންވެސް ވަނީ މީހުންގެ ސިފައާއި ސިއްހަތާމެދު ފާޑުކިޔުން ހުއްޓާލުމަށް އާންމުންނަށް އިލްތިމާސް ކޮށްފަ އެވެ.

ޓުއާ ނިމުމަށްފަހު އެރިއާނާ ބްރޭކެއް ނެގި ނަމަވެސް، އޭނާ ކުޅެފައިވާ ކޮމެޑީ ފިލްމު "ފޮކަ-އިން-ލޯ" އަންނަ ނޮވެމްބަރު މަހު ސިނަމާތަކަށް ނުކުންނާނެ އެވެ.