މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އިންކަމް ޓެކުހުގެ ގޮތުގައި ދައުލަތަށް 4.2 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާއިން ހާމަކޮށްފި އެވެ.
މީރާއިން ހާމަކޮށްފައިވާ ތަފާސް ހިސާބުން ދައްކާގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް މީރާއަށް ބަލައިގަތް އާމްދަނީގެ 21.9 އިންސައްތައަކީ އިންކަމް ޓެކްސް އެވެ. އަމިއްލަ ފަރުދުންގެ އިންކަމް ޓެކުހުން 302.5 މިލިއަން ރުފިޔާ ލިބުނުއިރު ބޭންކް އިންކަމް ޓެކުހުން 901.2 މިލިއަން ރުފިޔާ ލިބުނެވެ.
ކުންފުނިތައް އަދި ވަކި ފަރުދުން ނޫން ފަރާތްތަކުގެ އިންކަމް ޓެކްސްގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ލިބުނުއިރު ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިން ޓެކްސްގެ ގޮތުގައި 974.2 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ހާމަވެ އެވެ.
މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ނޮވެމްބަރު މަހުގެ ނިޔަލަށް މީރާއަށް ވަނީ 19.4 ބިލިއަން ރުފިޔާ ލިބިފަ އެވެ. މީގެ ތެރޭގައި ޑޮލަރުގެ ގޮތުގައި ލިބުނު 754.9 މިލިއަން ޑޮލަރު ހިމެނެ އެވެ.
މީރާއަށް މިއަހަރުގެ ނޮވެމްބަރު މަހު ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހަށްވުރެ 20.4 އިންސައްތަ އިތުރުވެފަ އެވެ. އާމްދަނީ އިތުރުވި ސަބަބުތަކުގެ ތެރޭގައި އިންކަމް ޓެކްސް އާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކްސް އާއި ޓީޖީއެސްޓީ އަދި ގްރީން ޓެކްސް އިން ލިބުނު އާމްދަނީ އިތުރުވުން ހިމެނެ އެވެ.
ސަރުކާރުންވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޓެކްސް ބޮޑު ކުރަން ނިންމާފަ އެވެ.