ލޮނަކީ ކޮންމެ ދުވަހެއްގެ ކެއްކުމުގައި ވެސް ބޭނުން ނުކޮށް ނުދާނެ ބާވަތެކެވެ. ކެއުންތަކުގެ ރަހަ ހެޔޮވަރު ކޮށްދޭ މި ބާވަތަކީ އެކަށީގެންވާ ވަރަށްވުރެ ގިނައިން ބޭނުން ކޮށްފިނަމަ ސިއްހަތަށް ގެއްލުން ދެނިވި އެއްޗެކެވެ.
މާ ގިނައިން ލޮނު ކެއުމަކީ ލޭގެ ޕްރެޝަރު މަތިވާ ކަމެކެވެ. ނަތީޖާއެއްގެ ގޮތުން ހިތުގެ ބަލިތަކަށް މަގުފަހިވެ އެވެ. ހަމައެއާއެކު ލޮނަކީ މާ ގިނައިން ބޭނުން ކޮށްފިނަމަ ކިޑްނީގެ މަސައްކަތްތަކަށް ބުރޫ އަރުވާ ބާވަތެކެވެ.
އަހަރެމެންގެ ހަށިގަނޑުން ލޮނު ބޭނުންކުރަނީ ހަށިގަނޑުގައި ހުންނަ ފެން މެދުމިނެއްގައި ބެހެއްޓުމަށެވެ. އަދި ހަށިގަނޑުގައިވާ ނާރުތަކާއި މަސްތަކަށް މަސައްކަތް ކުރެވެން އަންނަނީ އެކަށީގެންވާ ވަރަށް ލޮނު ލިބުމުންނެވެ. އެހެން ކަމުން ލޮނު ބޭނުން ކުރުން އެއްކޮށް ހުއްޓާލައިގެން ވެސް ނުވާނެ އެވެ.
ލޮނުގެ ކުޑަ މިންވަރެއް އަހަރެމެންނަށް އެހާ މުހިންމު އިރު ދުވާލެއްގެ މައްޗަށް ލޮނު ކެވެނީ ކިހާ ވަރަކަށްތޯ ބެލުމަކީ މުހިންމު ކަމެކެވެ. ރަނގަޅު ގޮތަކީ ދުވާލެއްގެ މައްޗަށް 5 ގްރާމަށް ވުރެ އިތުރަށް ލޮނު ނުކެއުމެވެ. އެއީ ސައި ސަމުސަލަކުން ކިރޭނެ ވުރެ ވެސް ކުޑަ މިންވަރެކެވެ.
ބައެއް މީހުންނަށް ހީވެފައި އޮންނަ ގޮތުގައި ކަސްރަތު ކުރުމަށް ފަހުގައި ވެސް ލޮނު ހިމެނޭ އެއްޗެއް ކާން ޖެހޭނެ އެވެ. އެއީ ކަސްރަތު ކުރުމުން މާ ގަދަޔަށް ދާ ހިތްލުމުން ދަލާއެކު ލޮނު ބޭރުވެގެންދާތީ އެވެ. ނަމަވެސް ހަގީގަތަކީ އަހަރެމެންގެ ހަށިގަނޑުން ބޭރުވާ ލޮނުގެ މިންވަރު އަލުން ހަށިގަނޑަށް އެތެރެ ކުރުން މުހިންމު ނޫން ކަމެވެ.
ކާއެއްޗެހީގައި ބޮޑަށް ލޮނު ރަހަ ދިނުމުން ނޫނީ އެ ކާއެއްޗެއް މީރު ނުވި ކަމުގައި ވިޔަސް މާގިނައިން އެ ބޭނުން ކުުރުމަކީ ހަށިގަނޑަށް ގެއްލުން ހުރި ކަމެއް ކަން އަބަދުވެސް ހަނދާން ކުރާށެވެ.