ފޯނަކީ އަހަރުމެންގެ އެންމެން ވެސް ބޭނުންކުރާ ވަސީލަތެކެވެ. އެހެން ނަމަވެސް ޒިންމާދާރު ކަމާއެކު މި ވަސީލަތް ގެންގުޅުމުގައި ބަލަން ޖެހޭ ބައެއް ކަންކަން ހުރެ އެވެ. އެގޮތުން މި ބަލާލަނީ ފޯނު ބޭއްވުން ރަނގަޅު ނޫން ބައެއް ތަންތަނަށެވެ.

ޖީބު

ޖީންސްގެ ޖީބަށް ވަރަށް އާންމުކޮށް ފޯނު ލެވެ އެވެ. ބަނޑުގައި ނުވަތަ ފައިގައި އާންމުކޮށް ރިއްސާނަމަ އެއީ މި ސަބަބާ ހުރެ ކަމަށްވުން އެކަށީގެންވެ އެވެ. މިއީ ރޭޑިއޭޝަންގެ އަސަރު ސީދާ ހަށިގަނޑު ތެރެއަށް ކުރާނެ ކަމެކެވެ. ހަމައެއާއެކު ޖީބަށް ފޯނު ލާނަމަ ކެންސަރު ޖެހުމަށްވެސް މަގުފަހިވެ ފިރިހެނުންގެ ދަރިފަނި އުފެދުން ވެސް ދަށްވެ އެވެ.

ބާލީސް ދަށް

ބާލީސް ދަށަށް ފޯނުލައިގެން ނިދުމަކީ ވަރަށް އާންމު ކަމެކެވެ. ނަމަވެސް މިއީ ވަރަށް ގެއްލުން ހުރި ކަމަކެވެ. ޗާޖަށް ޖަހާފައި ފޯނު މިގޮތަށް ބޭއްވުމުން ފޯނު ހޫނުވެ ބައެއް ފަހަރު ފޯނު ގޮވާތަން ވެސް އާދެ އެވެ. އަދި މީގެ އިތުރުން ފޯނުގެ ސްކްރީނުން އަންނަ ނޫކުލައިގެ އައްޔަކީ މެލޮޓޮނިން އަށް އަސަރުކޮށް ނިދުމަށް އުނދަގޫ ކުރުވާ ކަމެކެވެ.

ފާޚާނާ

ފާހާނާ އަކީ ހުރިހާ ބާވަތެއްގެ ޖަރާސީމު އެންމެ ގިނަ އެއްތަނެވެ. އެހެން ކަމުން ފާހަނާ ކުރާއިރު އަދި އެކި ކަންކަމަށް ފާހަނާއަށް ވަދެ ނިކުމެ ހަދާއިރު ފޯނަށް ޖަރާސީމުގެ އަސަރު ކުރެ އެވެ. އަދި މީގެ ސަބަބުން ދެން ފޯނު ބޭނުންކުރާއި އެ ޖަރާސީމު ހަށިގަނޑަށް ނުވަތަ ހަމަށް ފެތުރިގެންދެ އެވެ.