ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ފަރާތުން “ފެލާލައިފި" މި ނަމުގައި ބޮޑު ޖަލްސާއެއް މާލޭގައި ބޭއްވުމަށް ނިންމައިފި އެވެ.
ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެކޯލިޝަނުގެ ފަރާތުން މިމަހުގެ 23 ގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. "ފެލާލައިފި" ނަމުގައި ބާއްވާ ޖަލްސާ އެރޭ 8:30 ގައި ކާނިވާ ސަރަހައްދުގައި އޮންނާނެ ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.
އަދުރޭ ވަނީ އެ ޖަލްސާގައި ބައިވެރިވުމަށް ހުރިހާ އެންމެންނަށް ދައުވަތު ދެއްވާފަ އެވެ.
ގިނަ ދުވަސްތަކަކަށްފަހު މާލޭގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޮޑު ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާއިރު ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުުގައި ކުރިއަށްދާ ރިޝްވަތު ހިފުމުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާ އޮތީ ހުކުމް އިއްވުމާ ހިސާބުގަ އެވެ.
އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ޓިކެޓު ޕްރައިމަރީއަކާ ނުލައި ރައިީސް އަބްދުﷲ ޔާމީނަށް ދީފައިވާއިރު، އެމަނިކުފާނަށް ކުރާ ދައުވާތައް ސާބިތުވެއްޖެ ހާލަތެއްގައި އަމަލު ކުރާނެ ގޮތަކާ ބެހޭގޮތުން އިދިކޮޅުން ވާހަކައެއް ނުދައްކަ އެވެ. ކުށް ސާބިތުވެއްޖެ ނަމަ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލޭނެ އެވެ.
އެންމެ ފަހުން ޕީޕީއެމްގެ ބޮޑު ޖަލްސާއެއްގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަތީ، މިދިޔަ މަހުގެ ކުރީކޮޅު ޕީޕީއެމްގެ ލީޑާޝިޕުން ހުވަދޫ ފުވައްމުލައް އަދި އައްޑުއަށް ކުރި ދަތުރުގައި ބޭއްވި ޖަލްސާތަކުގަ އެވެ. އޭގެ ކުރިން އޮކްޓޯބަރު މަހު އުތުރުގެ ނ. އަދި ށ. އަތޮޅަށް ވެސް އެމަނިކުފާނު ވަޑައިގެންނެވި އެވެ.