މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲގެ ކަރު ބުރިކޮށްލައި ކަނޑު ފައްތާފައިވާ ކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުން މިހެން ބުނީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

އެ މޮމިޝަނުގެ ނައިބު ރައީސާ ފަރީޝާ އަބްދުﷲ ވިދާޅުވީ ރިލްވާންގެ ކަރު ބުރިކޮށް ކަނޑު ފައްތައިލީ ދީނީގޮތުން ހަރުކަށި ފިކުރުގެ ބައެއް ކަމަށެވެ. ރިލްވާން ގެއްލުނީ އޮގަސްޓު 7، 2014 ވަނަ ދުވަހުގެ ރޭ އެވެ.

ރިލްވާން ވަގަށް ނަގައިގެން ކާރަކަށް އަރުވައިގެން ދިޔުމަށް ފަހު، ޑިންގީއަކަށް އަރުވައިގެން ގޮސް ކަނޑުމައްޗަށް ގެންދިޔައީ ކަންނެލި ދޯންޏެއްގައި ކަމަށް ވެސް ފަރީޝާ ވިދާޅުވި އެވެ.

"ދޯންޏަށް އެރުވުމަށް ފަހު ކަނޑުމައްޗަށް ގޮސްފަވާ ކަމަށް ބެލެވޭ އަދި ދޯނީ ތެރޭގަ އޭނާއަށް ކަލިމަ ލައިދީ، ހަގީގަތުގައި ރިލްވާން ވަނީ ކަރުބުރިކޮށް މަރާލާފަ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ދެމުން މީހަކު ބުނެފަވޭ އަދި އޭނާގެ ހަށިގަނޑު ވަނީ ކަނޑުފައްތާފަ ކަމަށް،" ފަރީޝާ ވިދާޅުވި އެވެ.

ރިލްވާންގެ ކަރުބުރިކޮށްލުމުގައި އަމަލީގޮތުން ބައިވެރިވި ހަ މީހަކު ސީރިއާއަށް ފުރާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެތެރެއިން އެކަކު ފިޔަވައި އެންމެން ސީރިޔާއަށް ފުރީ 2014 ވަނަ އަހަރުއެވެ. ތ. އޮމަދު ނަރުގިސްވިލާ، މުހައްމަދު މުނާޒް ސީރިއާއަށް ފުރީ 2017 ވަނަ އަހަރުގައެވެ.