މާލޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއުއެއް ކުރިއަށް ގެންދިއުމަށް މާލެ ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލުން މިގޮތަށް ފާސްކޮށްފައި ވަނީ އެ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 80 ވަނަ ރަސްމީ އާއްމު ޖަލްސާގަ އެވެ.
މާލެސިޓީ ކައުންސިލްގެ ސްޓްރެޓްޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ 2،000 ސޯޝަލް ހައުސިން ޔުނިޓް މަޝްރޫއުގެ ދަށުން މާލެ ހިޔާ، ސިނަމާލެ ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫޢުގެ ފަންނީ އަދި އިދާރީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކައުންސިލުން ފާސްކޮށްފި އެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމުގެ ގޮތުން ފާއިތުވި ދޮޅު އަހަރު ތެރޭގައި މާލެ ސިޓީ ކައުންސިލުން ކުރެވުނު ގިނަ މަސައްކަތްތަކުގެ ތަފްސީލް މޭޔަރު މުއިއްޒު ވަނީ ހިއްސާ ކުރައްވާފަ އެވެ. މިއާއެކު މޭޔަރު ވަނީ ލޭންޑް ޔޫސް ޕްލޭން ފާސްނުވެ ދިގުލައިގެންދާ ދިއުމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
"މިދިޔަ ދޮޅު އަހަރުތެރޭގައި މިކަމުގައި ކުރެވުނު މަސައްކަތްތަކަކީ ފުރަތަމަ ލޭންޑްޔޫސް ޕްލޭންއެއް ހެދިގެން ދިޔަ، ލޭންޑް ޔޫސް ޕްލޭންގައި މާލެ ހިޔާ ސިނަމާލެ ސަރަޙައްދުގެ ރީ ޑިވެލޮޕްމެންޓް ހިމެނިފަވޭ. އެހެން ނަމަވެސް އެއް އަހަރުވެއްޖެ އެ ޕްލޭން ފާސްކޮށްދިން ކަމުގެ ލިޔުން އަޅުގަނޑުމެންނާއި ހަމަޔަށް ނުގެނެސް،" މޭޔަރު މުއިއްޒު ވިދާޅުވި އެވެ.
މި މަޝްރޫއު ކުރިއަށްގެންދިއުމަށްޓަކައި އިދާރީ އަދި ފަންނީ މަސައްކަތްތައް ކައުންސިލުން ފެށުމަށް ނިންމިނަމަވެސް މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ދެންހުރި މަރުހަލާތަކަށް ފަސޭހަ ވެގެންދާނީ ސަރުކާރުން ލޭންޑް ޔޫސް ޕްލޭން ފާސްކޮށްދިނުމުން ކަމުގައި މޭޔަރު ވިދާޅުވި އެވެ.
އެހެންކަމުން ލޭންޑް ޔޫސް ޕްލޭން ފާސްކޮށްދިނުން އަވަސް ކުރުމަށް ޕްލޭނިންގް މިނިސްޓްރީއަށް އަދިވެސް ދަންނަވާނެ ކަމުގައި މޭޔަރު ވަނީ ވިދާޅުވެފަ އެވެ.
މާލެ ހިޔާ ސިނަމާލެ ފްލެޓް މަޝްރޫއުއަކީ މާލެ ސިޓީ ކައުންސިލްގެ މި ދައުރަށް އެކުލަވާލި ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ 2000 ހައުސިން ޔުނިޓްގެ ތެރެއިން ކުރިއަށްދާ މަޝްރޫއުއެކެވެ. އެގޮތުން މާލެ ހިޔާ ސިނަމާލެ ސަރަހައްދު އެއްކޮށް ތަރައްޤީކޮށް ނިމޭއިރު 1300 ހައުސިންގ ޔުނިޓް އަޅާނިމޭނެ ކަމުގައި މޭޔަރު ވިދާޅުވި އެވެ.
މި މަޝްރޫއުގެ ދަށުން އިމާރާތް ކުރެވޭ ފްލެޓްތަކުގެ ތެރެއިން 60 އިންސައްތަ އަކީ ސޯޝަލް ހައުސިން އެވެ. އަދި 40 އިންސައްތަ އަކީ މެދު ފަންތީގެ ބޯހިޔާވަހިކަމެވެ.