ގިނަ ބަޔަކަށް އުކުނޑިކޮށްޓުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ހީވެދާނެ އެވެ. އެކަމަކީ އުނދަގޫ ކަމަކަށްވީ ނަމަވެސް މާބޮޑު އަޅާލުމެއް ނުދެވިވެސް ހުރެވިދާނެ އެވެ.

އެހެންނަމަވެސް އުކުނޑި ކޮށްޓުމަކީ އާދައިގެ ކަމެއް ނޫނެވެ. އޯހިއޯގެ ވެކްސްނާ މެޑިކަލް ސެންޓަރުގެ ނިއުރޮލޮގިސްޓު ޑަޔާނާ ގްރީން ޗަންޑޯޒް އެމްޑީ މިކަމާ ގުޅިގެން ބުނެފައި ވަނީ، އޭނާ ވަނީ އުކުނޑިކޮށްޓުމަކީ ސްޓްރޯކެއް ޖެހިދާނެ ކަމުގެ އަލާމާތެއް ކަމުގައި ބުނެފަ އެވެ.

ހަމައެހެންމެ އުކުނޑި ކޮށްޓުމުގެ ސަބަބުން ހަށިގަނޑުގެ ވަކި ދިމާލަކަށް ތަދުވުމަކީ ވަރަށް ސީރިއަސް ކަމެއް ކަމަށް ޑަޔާނާ ބުނެފައިވެ އެވެ. ޑަޔަނާ ބުނިގޮތުގައި އެ ކަމަކީ މީހާގެ ހާލަތު ގޯސްކޮށްލާ އެމެޖެންސީ ރޫމެއްގައި ފަރުވާދޭން ޖެހިދާނެ ވަރުގެ ކަމެކެވެ.

އެގޮތުން އުކުނޑި ކޮށްޓާނަމަ ހަށިގަނޑަށް އިޖާބަދީ، ފަރުވާތެރިކަމާ އެކު ހަށިގަނޑު މޮނިޓާކުރުމަށް އޭނާ ވަނީ ލަފާދީފަ އެވެ. އަދި ވީހާވެސް އަވަހަކަށް ފެން ބުއިމަށް އިސްކަން ދިނުމަށް ވެސް އޭނާ އިރުޝާދުދީފައިވެ އެވެ.

ޑަޔާނާ ބުނިގޮތުގައި ކޮށްޓާ ވަގުތެއްގައި ކުޑަ ހަކުރުކޮޅެއް އަނގަޔަށް ލުމަކީ ވެސް ކޮށްޓުމުން ދުރުކޮށްދޭ ކަމެކެވެ.

ހަމައެހެންމެ އެނޫން ވެސް ގޮތްގޮތުން އުކުނޑި ކޮށްޓުމުން ދުރުކޮށްދޭނެ ކަމަށާއި، އޭގެ ތެރޭގައި ލޯ މަޑުމަޑުން އުނގުޅާލުން، ކަރުތެރެ ދޮވެލުން ނޭވާ ހިފަހައްޓާލުން، ޕޭޕަރު ކޮތަޅެއްގައި ނޭވާލުން ނުވަތަ ދޫ ބޭރުކޮށްފައި ބެހެއްޓުމުން ވެސް އުކުނޑި ކޮށްޓުމުން ސަލާމަތްކޮށްދޭ ކަމަށް އޭނާ ބުނެފައިވެ އެވެ.