ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މާލޭ ވިޔަފާރި ބަނދަރުގައި މިހާތަނަށް ކުރިއަށްގެންދިޔަ އެންމެ ބޮޑު ޑްރިލް ބާއްވައިފި އެވެ. މިއީ ދިމާވެދާނެ ކުއްލި ހާދިސާއަކަށް ތައްޔާރުވެ ތިބުމާއި ގުޅޭގޮތުން ކުރިއަށްގެންދިޔަ ފުލް ސްކޭލް ޑްރިލްއެ ކެވެ.

އެމްޕީއެލްގެ ސޭފްޓީ ވީކްއާ ގުޅިގެން ކުރިއަށްގެންދިޔަ ޑްރިލްގައި، ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން އެމްޕީއެލްއާއިއެކު، އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު، ކޯސްޓް ގާޑް، ޕޮލިސް އަދި ދިވެހި ރެޑްކްރަސަންޓާއި އޭޑީކޭއިން ބައިވެރިވެފައިވެ އެވެ.

ޑްރިލްގެ މައުލޫމާތު ޙިއްސާކުރައްވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، މިއީ މިހާތަނަށް ޕޯޓުގައި ކުރިއަށްގެންދިޔަ އެންމެ ބޮޑު ޑްރިލްކަމަށެވެ. މިޑްރިލް ޚާއްސަކޮށްފައިވަނީ، އެމްޕީއެލްގެ ބަނދަރުގެ މަގަތު ފާލަމުގައި އޮތް ބޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ކުއްލި ފިޔަވަޅު އަޅާނެ ގޮތާއި ގުޅޭގޮތުންނެވެ. މިޑްރިލްގައި އެމްޕީއެލްގެ މުވައްޒަފުންނާއި ޕޯޓުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ބައިވެރިވެފައިވެ އެވެ.

އޭނާ ވިދާޅުވީ މިފަދަ ޑްރިލްއެއްގެ އެންމެ ބޮޑު ބޭނުމަކީ، ކުއްލި ހާލަތަކަށް ވިޔަފާރި ބަނދަރު ތައްޔާރުވެފައި އޮތް މިންވަރު ދެނެގަތުންކަމަށެވެ. އަދި އެފަދަ ހާދިސާއެއް ކުރިމަތިވާ ހާލަތުގައި އެމްޕީއެލްގެ ފަޔަރ ސްކޮޑްގެ މަސައްކަތްތައް ރޭވިފައިވާ ގޮތްތައް ދެނެގަތުމާއި، މުވައްޒަފުން މިކަންކަމަށް ހޭލުންތެރިކޮށް، ބޭނުންވާ މަޢުލޫމާތުތައް ފޯރުކޮށްދިނުމަކީވެސް މިޑްރިލް ބޭއްވުމުގެ ބޭނުމެކެވެ.

މި ޑްރިލްގައި، އެވަގުތު މަސައްކަތުގައި ހަރަކާތްތެރިވި އެމްޕީއެލްގެ 100އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވި އެވެ.

މިއަހަރަކީ ސޭފްޓީ ވީކް ފާހަގަކުރާ 3ވަނަ އަހަރެވެ.