އިންޑިއާއަށް ރައީސް އަބްދުﷲ ޔާމީން އާއި ޕީޕީއެމް އާއި ޕީއެންސީގެ އެއްވެސް ލީޑަރެއް ވެސް ނުގަނެވޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެ އެވެ.

ގިނަ ދުވަސްތަކަކަށް ފަހު މިރޭ ކާނިވާ ސަރަހައްދުގައި "ފެލާލައިފި" ނަމުގައި ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ޔާމީންގެ ބަހުގެ ހަމަލާތައް މިރޭ އެންމެ ބޮޑަށް އަމާޒުވީ ފޮރިން މިނިސްޓަރު ޝާހިދަށެވެ. އޭގެ އިތުރުން އިންޑިއާއަށް ވެސް ވަރަށް ބޮޑަށް އެ މަނިކުފާނު ފާޑުވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި މިހާރު މިއޮތީ "ކަސްބީ ހާރިޖީ ސިޔާސަތެއް" ކަމަށެވެ. އެހެން ވިދާޅުވާން ޖެހެނީ "މީހަކު ބުނުމުން ނޫނީ ލޯވެސް ހުޅުވާލުން މަނާ" ވެފައި އޮތުމުން ކަމަށް ޔާމީން ވިދާޅުވި އެވެ.

"މިހާރު ޔޫރަޕަކަށް ނުދެވޭ. ދެކުނަކަށް ނުދެވޭ. އިރުމައްޗަކަށް ނުދެވޭ. ހަމައެކަނި އުތުރަށް ދެވެނީ. އަޅުގަނޑުމެން ބޭނުމެއް ނޫން އަޅުގަނޑުމެންގެ މިނިވަންކަން ވިއްކާލާފައި ލިބޭ އެހީއެއް،" ރައީސް ޔާމީން ވިދާޅުވި އެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލީޝަނުން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން އާއި އެ ޕާޓީގެ އިސްވެރިން ބައިވެރިވަނީ. ފޮޓޯ: ޕީޕީއެމް

ރައީސް ޔާމީން ވިދާޅުވީ މިއަހަރު ވެސް ދައުލަތުގެ ބަޖެޓްގައި ހިލޭ އެހީގެ ގޮތުގައި 2.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލިޔެފައި އެބައޮތް ކަމަށާއި ނަމަވެސް އަހަރު ނިމުނުއިރު ލިބުނީ އެންމެ 320 މިލިއަން ރުފިޔާ ކަމަށެވެ. އަދި ރާއްޖޭގެ ހާރިޖީ ސިޔާސަތަކީ ކަސްބީ ހާރިޖީ ސިޔާސަތެއް ކަމަށް ދަންނަވަން ޖެހެނީ ނާށިގަނޑު ހިފައިގެން ތިބޭތީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ރާއްޖޭގެ ހާރިޖީ ވަޒީރަކަށް ހުރީ ކޮންމެވެސް ތަނެއްގެ ޗީފް މިނިސްޓަރުގެ ޑެޕިއުޓީ. އެހެން މީހަކު ބުނާ ގޮތަކަށް ލޯ ވެސް ހުޅުވާލަން ޖެހެނީ،" ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން އިންޑިއާ އަށް ފާޑުވިދާޅުވެ ވާހަކަފުޅު ފެއްޓެވީ ވެސް އިންޑިއާ އާއި ސުވާލެއް ކުރައްވަމުންނެވެ. ޔާމީން އެއްސެވީ "އިންޑިއާ އިން ކޮންކަމަކާތޯ އަޅުގަނޑު ދެކެ ރުޅި އަންނަނީ؟" ކީއްވެތޯ އެއްސެވި އެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލީޝަނުން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަދައްކަވަނީ. ފޮޓޯ: ޕީޕީއެމް

"އިންޑިއާ އިން ކޮންކަމަކާތޯ އަޅުގަނޑު ދެކެ ރުޅި އަންނަނީ؟ މިއީ އަޅުގަނޑުގެ ގައުމޭ. މިއީ ނަރެންދްރަ މޯދީގެ ގައުމެއް ނޫނޭ. މިއީ އިންޑިއާގެ ސްޓޭޓެއް ނޫނޭ. މިއީ ދިވެހިންގެ ގައުމު. މިއީ އަޅުގަނޑުގެ ގައުމު، " ރައީސް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ކޮންމެ ގޮތެއް ހެދި ނަމަވެސް އިންޑިއާ ސިފައިން ޖެހޭނީ ރާއްޖެ ދޫކޮށް ދާށެވެ. އެވާހަކަ ތަކުރާރުކޮށް ވިދާޅުވުމަށް ފަހު "އިންޑިއާ އައުޓް" އަށް ވެސް ޔާމީން ގޮވާލެއްވި އެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލީޝަނުން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަދައްކަވަނީ. ފޮޓޯ: ޕީޕީއެމް

ޔާމީން ވިދާޅުވީ އިންޑިއާ އިން ރާއްޖެއަށް ދޫކޮށްފައިވާ ލޯނުތަކުން ވެސް ހިންގަނީ ތަރައްގީގެ މަޝްރޫއުތަކެއް ނޫން ކަމަށެވެ. އަދި އެ ފައިސާ އިން ކުރާ ކަމަކީ މި ސަރުކާރުގައި ތިބި މީހުންނަށް ބައި އެޅުން ކަމަށް ޔާމީން ވިދާޅުވި އެވެ.

"މިއީ ދިވެހިރާއްޖޭގެ އިސްތިގުލާލު ފޭރިގަތް ސަރުކާރު. މިދިވެހި ރައްޔިތުން ފެލައިލި ސަރުކާރު،" ޔާމީން ވިދާޅުވި އެވެ.