މި ސަރުކާރަކީ ކޮންމެ އިންތިޚާބަކާ ދިމާކޮށް "މަރު" ކާޑު ކުޅެމުންދާ ސަރުކާރެއް ކަމަށާއި މި ސަރުކާރު މަރުފަލި ޖަހަމުންދާ ކަމަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ "ފެލާލައިފި" ނަމުގައި ސަރުކާރާއި ދެކޮޅަށް އަޑުއުފުލުމަށް ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި މަރާލާފައިވާ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރާއި ރައީސް ޔާމީނާ ގުޅުވާ މަރު ކޮމިޝަނުން ދާދި ފަހުން ދެއްކި ވާހަކަތަކަށް އިޝާރާތް ކުރައްވަމުންނެވެ.
އިންތިހާބާ ދިމާކޮށް ސަރުކާރުން، ނޫސްވެރިޔާ ރިލްވާންގެ މަރުގެ ވާހަކަތައް ދައްކަމުންދާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި މަރުވީ ހަމައެކަނި ރިލްވާންތޯ ސުވާލުކުރައްވަމުން ޔާމީން ވިދާޅުވީ ޕީޕީއެމް ވެރިކަމެއްގައި ވީގޮތެއް ނޭނގި، މަރުވާ ކޮންމެ މީހެއްގެ މައްސަލަ ބަލާނެ ކަމަށެވެ.
"މިއީ މަރުފަލި ޖަހަމުންދާ ސަރުކާރެއް. މިހާ ހިސާބަށް ދިޔައީމަ އެ މީހުން ބޭނުން ކުރާނީ މަރުގެ ކާޑު. މިހާރު ބޭނުން ކުރަމުންދާ ކާޑަކީ ރިލްވާންގެ ކާޑު. ބަލަ ރިލްވާން އެކަނިތަ މަރުވެގެން މި އުޅެނީ،" ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން މަރު ކޮމިޝަނެއް ހަދައިގެން ރިލްވާންގެ މައްސަލަ ބެލި ނަމަވެސް އެއީ އެމަނިކުފާނުގެ ސަރުކާރުގައި ބަލާ ނިންމާފައި އޮތް މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލާގައި ކުށްވެރިވާ މީހުންނަށް އަދަބު ލިބެމުންދާ ކަމަށް ވިދާޅުވި އެވެ.
ރިލްވާން ގެއްލުނު ދުވަހު އޭނާ އަރުވައިގެން ގެންދިޔަ ކާރު ދުއްވަން އިނީ ކާކުކަން ފުލުހުންނަށް ނޭނގޭތޯ ރައީސް ޔާމީން ސުވާލު ކުރެއްވި އެވެ. އަދި ރިލްވާން ކަނޑުފެއްތުމުގައި ބައިވެރިވި ކަމަށް ބުނާ ބައެއް މީހުން ޕާސްޕޯޓް ހައްދައިގެން ބޭރަށް ފުރުވާލި ކަަމަށް ބުނާއިރު އެކަން ކުރި މީހުން ކޮބައިތޯ އަދި އެ މީހުންނަށް އެޅީ ކޮން ފިޔަވަޅެއްތޯ ރައީސް ޔާމީން ސުވާލު ކުރެއްވި އެވެ.
"ރިލްވާން މަރާލި މީހުން މި ސަރުކާރުގައި ތިބި މީހުންނަށް އެނގޭނެ. ފުލުހުންނަށް އެނގޭނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ވެރިކަމަށް ބޫތުކައިގެން ތިޔާވެސް ޖަހަނީ މަރުފަލި އުތަ!